މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް އެތަންތަނަށް ލެބޯޓްރީ ޓެކްނީޝަންސް ލެވި، އާންމު ޓެސްޓުތައް އެތަންތަނުގައި ހެދޭނެ ގޮތް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
"ތަރުޖަމާނާ އެކު" ޕޮޑްކާސްޓުގައި މިނިސްޓަރު ނާޒިމް ވަނީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް ހިއްސާކުރައްވައިފަ އެވެ.
ނާޒިމް ވިދާޅުވީ ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ޑައިގްނޯސްޓިކް ހިދުމަތް ވަރުގަދަކުރުމަށް ކަމަށެވެ.
ބޭސް ފަރުވާ ފެށޭ ހިސާބަކީ، ނާޒިމް ވިދާޅުވި ގޮތުގައި، ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް އޮތުން ކަމަށާއި އެ ނިޒާމަށް އިތުބާރު ކުރެވޭނެ ގޮތެއް އޮަންނަން ޖެހެ އެވެ.
"ޑައިގްނޯސް ސިސްޓަމަށް އިތުބާރު ނުކުރެވޭ ނަމަ އެ ލިޔެވޭ ޕްރިސްކްރިޕްޝަނަކަށް އެއްވެސް މީހެއްގެ އިތުބާރެއް ނޯންނާނެ. ނަތީޖާއަކީ ޑައިގްނޯސް ސިސްޓަމް ވަރުގަދަނުކޮށް ހެލްތު ނިޒާމުގެ ވާހަކަ ނުދެއްކޭނެކަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ދަށުން ކުދި އާބާދީތަކުގައި ވެސް ލެބޯޓްރީ ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. މި ސަރުކާރު ފެށުނުއިރު އަތޮޅުތެރޭގައި 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ނުލިބި އޮތް ކަމަށާއި އެހެންވެ، ޕޮއިންޓް އޮފް ކެއާގެ ދަށުން އެތަންތަނުގައި ބޭސިކް ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި އަމާޒު ހިފީ ނާޒިމް ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކުރުމަށެވެ. އެހެންވެ، މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، ލެބްޓެކްނީޝަނުން އެތަންތަނަށް ލެވި، މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ނިންމާފައި ވަނީ 2026 ނިމޭއިރު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ޕިޒިކަލް ލެބޯޓްރީ ގާއިމުކުރެވި، ލެބްޓެކްނޮލޮޖިސްޓުން އެތަނަށް ލެވި، އާންމުކޮށް ބޭނުންވާ ހުރިހާ ހިދުމަތެއް އެ ލެބޯޓްރީތަކުގައި ދޭނެކަން ކަށަވަރުކުރުން،" ނާޒިމް ވިދާޅުވި އެވެ.
އެ މަސައްކަތުގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ވެސް ހަތަރު ލެބޯޓްރީއެއް ހުޅުވާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުން އާބަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އޭގެ ދަށުން ސިއްހީ ދާއިރާ ވެސް ކުރިއަރުވާނެ ކަމަށެވެ. އެތަންތަނުގައި ސީޓީ ސްކޭން މެޝިން ފަދަ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ އެކު، ރަށްރަށަށް ސިއްހީ ހިދުމަތް ފުޅާކުރުމުން، މާލެއަށް ބަރޯސާވާވުމަށް ނިމުމެއް އައިސް، އައިޖީއެމްއެޗުގެ ދިގު ކިއުއަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.