ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރަން ފެށުމާ އެކު ރޭ އެކަނި ވެސް 4،000 އަށްވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ރޭ 8:30 އިން 11:00 އާ ހަމައަށް، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4،196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.

އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ ގަޅޮލު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއީ 783 ކޭހެވެ.

މަސްދަޅު ކޭސް ހިފައިގެން ބަޔަކު ދަނީ. -- ފޮޓޯ: މިހާރު
މަސްދަޅު ކޭސް ހިފައިގެން ބަޔަކު ދަނީ. -- ފޮޓޯ: މިހާރު

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 8:30 އިން 11:00 އަށެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުރިހާ ގޭބިސީތަކަށް މަސްދަޅު ދޫކޮށް ނިންމަން މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައި އެވެ.

ކުރީ އަހަރެކޭ އެއްގޮތަށް، މި އަހަރު ވެސް ދެނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ. 

މަސްދަޅު ދޫކުރަން ހަމަޖެހިފައިވާ ތަންތަން:

މާލެ:

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލް
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު (1) 
  • ގަލޮޅު ދަނޑު (2)
  • ގަލޮޅު ދަނޑު (3)
  • ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1:

  • އުމަރު ޒާހިރު ބިލްޑިންގް
  • ޕޮލްކޯ ޓަވަރު ތިރީ
  • މުހައްމަދު ގާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް 2:

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • ވިނަރެސް ފްލެޓް

ވިލިމާލެ:

  • ވެމްކޯ ސައިޓް

މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ.