ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރާ މުއްދަތު އިއްޔެ ހަމަވިއިރު ނުގެންގޮސް ތިބި މީހުންނަށް ދެން އެ ދޫކުރާނީ ހަމައެކަނި މިފްކޯ މަރުކަޒުން ކަމަށް ލޯކަލް ގަވާނަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މުޅި ރާއްޖޭގައި ވެސް ކުރިއަށްދާއިރު މާލޭ ސަރަހައްދުގައި މަސް ކޭސް ދޫކުރަން ނިންމީ އިއްޔެގެ ނިޔަލަށެވެ. ރަށްރަށުގައި މަސް ކޭސް ދޫކުރަނީ ކައުންސިލުތައް މެދުވެރިކޮށެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ވެސް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުންދޭ ހަދިޔާ، މާލޭ ސަރަހައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ.
އެއްވެސް ސަބަބަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާ ނުގެންދެވި ތިބި މީހުންނަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މިފްކޯ މަރުކަޒުން މަސް ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަރުކަޒުން މަސް ކޭސް ދޫކުރާނީ ރޭގަނޑު 8:30 އިން 11:00 އަށެވެ.
ކުރިން އޮތް ގޮތުން ނަމަ، މާލޭގެ އެކި އަވަށްތަކާއި ހުޅުމާލެ އާއި ވިލިމާލޭ ހިމެނޭ ގޮތަށް 15 މަރުކަޒެއްގައި އައީ މަސް ކޭސް ދޫކުރަމުންނެވެ.
މިހާތަނަށް މާލޭ ސަރަހައްދުގައި ވަނީ 53،038 ގޭބިސީއަކަށް މަސް ކޭސް ދޫކޮށްފަ އެވެ.
މިދިޔަ އަހަރާ އެއްގޮތަށް، މި އަހަރު ވެސް ދެނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ.