ރައީސް ޔާމީނަށް ލިބެނީ އޭ ރިޕޯޓެއް، ޓިކެޓު ދޭން ނުޖެހޭ ސަބަބެއް ނެތް: ނިހާން

ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ދެއްވަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ވަނީ މިދިޔަ މުއްދަތުގައި "އޭ ރިޕޯޓެއް" ހޯއްދަވާފައި ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ޕްރައިމަރީއާ ނުލައި ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވުމަށް އެދި އެ ޕާޓީގެ ކައުންސިލް މެމްބަރުން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހުށަހަޅުއްވާ ލިޔުމުގައި ސޮއިކުރައްވާ މި ދަނޑިވަޅުގައި "މިހާރު"އާ ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި އެކަނި ބަލާލިޔަސް ރާއްޖެ ތަރައްގީ ކުރުމުގައި ރައީސް ޔާމީން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައި ކަމަށެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގުތަކުގައި ތާރު އެޅުމާއި ހިޔާވަހިކަން ހޯދައި ދިނުމުގެ މަޝްރޫއުތަކާއި މާލެ-ހުޅުލެ ބްރިޖްގެ މަޝްރޫއު އަކީ ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ހޯދި ކާމިޔާބީތައް ކަން ނިހާން ފާހަގަ ކުރެއްވި އެވެ.

"މިއީ ދެ އަހަރާ ބައިގެ މުއްދަތަށް ބަލާއިރު މި ހުންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް. ރައީސް ޔާމީން އެމަނިކުފާނުގެ ޒިންމާ ވަރަށް ފުރިހަމައަށް އެބަ އަދާކުރައްވާ. ވައުދުތައް އެބަ ފުއްދަވާ. ރާއްޖެ މިއަދު މިދެކޭ މި ތަރައްގީ އަށް އެކަނި ބަލާލާފައި ވެސް، ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓު ހައްގުވޭ. އެމަނިކުފާނު އެވަނީ ދެ އަހަރާ ބައިގެ މުއްދަތުގައި އޭ ރިޕޯޓެއް ހޯއްދަވާފައި. ކުލާހަކުން ކޮމާންޑެޑް ރިޕޯޓެއް ހޯދީމާ ޖެހޭނެ އަނެއް ކުލާހަށް ޕްރޮމޯޓްވާން،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ނިހާން އެހެން ވިދާޅުވިއިރު، ޕްރައިމަރީއާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވުމަށް މައުމޫން ބޭނުންފުޅެއް ނޫނެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން އެމަނިކުފާނުގެ ތާއީދެއް ނެތް ކަން ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ވެސް ފޮނުއްވައިފަ އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށް މައުމޫން ފޮނުއްވި އެސްއެމްއެސް.

ނަމަވެސް ރައީސް ޔާމީނަށް ޓިކެޓް ދެއްވުމަށް މައުމޫނަށް ދަންނަވާ ލިޔުމުގައި އެމަނިކުފާނުގެ ދެ ބޭފުޅުން ކަމަށްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވަނީ ސޮއިކުރައްވައިފަ އެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ޒިންމާ ވަރަށް ފުރިހަމައަށް އެބަ އަދާކުރައްވާ. ވައުދުތައް އެބަ ފުއްދަވާ. ރާއްޖެ މިއަދު މިދެކޭ މި ތަރައްގީ އަށް އެކަނި ބަލާލާފައި ވެސް، ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓު ހައްގުވޭ. އެމަނިކުފާނު އެވަނީ ދެ އަހަރާ ބައިގެ މުއްދަތުގައި އޭ ރިޕޯޓެއް ހޯއްދަވާފައި. ކުލާހަކުން ކޮމާންޑެޑް ރިޕޯޓެއް ހޯދީމާ ޖެހޭނެ އަނެއް ކުލާހަށް ޕްރޮމޯޓްވާން: ނިހާން

ނިހާން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވުމަށް ޕީޕީއެމްގެ އަސާސީ ގަވައިދު ހުރަސްނާޅާ ކަމަށާއި އެހެންވެ އެކަމަށް ފުރުސަތު ދެއްވަން މައުމޫންގެ އަރިހުން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ޔާމީން އެމަނިކުފާނު ޒިންމާ އަދާކުރައްވާ މިންވަރަށް ބަލާއިރު އެމަނިކުފާނަށް ޕާޓީގެ ޓިކެޓް ލިބިވަޑައިނުގަންނަވަން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. ޕާޓީގެ އަސާސީ ގަވައިދު ބައެއް ބޭފުޅުން ތަރުޖަމާ ކުރައްވާ ވަކި ގޮތެއް ހުރެދާނެ. އެކަމަކު އެކަން ހައްލުކޮށް، ޕާޓީގެ ކައުންސިލުން މިކަމުގައި ގޮތެއް ނިންމިދާނެ. އެއީ ރައީސް ޔާމީނަށް ޓިކެޓު ދެއްވުން،" ނިހާން ވިދާޅުވި އެވެ.

"މަދު ދުވަސްކޮޅެއްގައި ރައީސް ޔާމީން އޭ ރިޕޯޓެއް ހޯއްދެވިއިރު، މި ފަސް އަހަރު ފުރިހަމަ ކުރައްވައިފި ނަމަ، ފަސްތަރީގެ ރިޕޯޓެއް އެމަނިކުފާނު ހޯއްދަވާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން."

ނިހާން ވިދާޅުވި ގޮތުގައި ކޮންމެ ޕާޓީއަކުން ވެރިކަން ކުރިޔަސް "ހާ އަޅާ" ކަންތައްތަކެއް ފެންނަން ހުރެދާނެ އެވެ. ހާއްސަކޮށް ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް އުޅޭ ނަމަ، އެކަންކަން ފާހަގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" ނޫސް ނެރުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، ނިހާން އެ ނޫހުގެ ފުރަތަމަ އަދަދު ވިދާޅުވަނީ: ސަރުކާރުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަތައް ނޫސްތަކުގައި ޖަހާނެ ކަމަށާއި އެކަން ބަލައިގަނެ، ކަންކަން ރަނގަޅު ކުރަންޖެހޭނެ ކަމަށް އޭނާ މިއަދު ވިދާޅުވި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ކޮރަޕްޝަނާއި މިކަހަލަ އެކި ކަހަލަ ތުހުމަތުތައް ކުރާނެ. ނޫސްތަކުގައި ވެސް ލިޔާނެ. އަޅުގަނޑުމެން އުންމީދުކޮށްގެން ނުވާނެ ކޮންމެ ދުވަހަކު ސަރުކާރުން ކުރާ ހުރިހާ ކަމެއްގެ ވާހަކަ ނޫސްތަކުގައި ޖަހާނެ ކަމަށް ވެސް. ސަރުކާރުން ގޯސްކޮށް ކުރާ ކަންތައްތަކަށް ނޫސްތަކުގައި ފާޑުކިޔާނެ. އެކަންކަން ޖެހޭނީ ބަލައިގަނެ، ގޯސް ކަންތައް ރަނގަޅުކުރަން. ސަރުކާރަކުން ހުރިހާ ކަމެއް ސަތޭކަ ޕަސެންޓު ރަނގަޅަށް ކުރާނެ ކަމަށް ދެކޭކަށް ވެސް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދެއްވުމާ މެދު މައުމޫންގެ ހިޔާލު ތަފާތު.---ފޮޓޯ: ރައީސް އޮފީސް

ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް މައުމޫނަށް ދެންނެވުމަށް، އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ކައުންސިލްގެ 33 މެމްބަރުންގެ ތެރެއިން ހައެއްކަ ބޭފުޅުން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވަނީ ލިޔުމުގައި ސޮއިކުރައްވާފައި ކަމަށްވެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. ނަމަވެސް އެހެން މާއްދާއެއްގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ.