ދ. ކުޑަހުވަދޫގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމާރާތްކޮށް، މިއަދު ރަސްމީކޮށް ހުޅުވި އާ ބްރާންޗަކީ ރަށްރަށުގެ ބްރާންޗުތައް ޑިޖިޓަލް ކުރުމުގެ ފެށުން ކަމަށާއި އެ ތަން ހިންގާނީ ކަސްޓަމަރުންނަށް މަގުދައްކައިދޭ ތަނެއްގެ ގޮތުގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަހުވަދޫގެ ބީއެމްއެލް ބްރާންޗު ރަސްމީކޮށް ހުޅުއްވައި ދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވީ، ކުޑަހުވަދޫ ބްރާންޗުން ހިދުމަތް ދޭނީ ޑިޖިޓަލްކޮށް ކަމަށާއި ކައުންޓަރުތަކެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި އެ އިމާރާތް ޑިޒައިން ކޮށްފައި ވަނީ ހިދުމަތް ހޯދުމަށް ދާ ކަސްޓަމަރުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާ ކުރާ "ލައުންޖު ސްޓައިލަށް" ކަމަށެވެ.
ސަބަބަކީ ބީއެމްއެލްގައި މިހާރު ހިނގާ ކަސްޓަމާ ޓްރާންސެކްޝަންގެ ތެރެއިން 99.7 ޕަސެންޓު ޓްރާންސެކްޝަން ހިނގަނީ ޑިޖިޓަލްކޮށް ކަމަށް ވާތީ،" ޝަރީފު ވިދާޅުވި އެވެ.
ހަމަ އެ ގޮތަށް ކުޑަހުވަދޫގެ ބްރާންޗުގެ ހުރިހާ ޓްރާންސެކްޝަނެއް ވެސް ދެން ކުރިއަށް ގެންދާނީ ޑިޖިޓަލްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކައުންޓުތައް ހުޅުވުމާއި ލޯނުތަކަށް އެދި ހުށަހެޅުމާއި ކޭޝް ކާޑުގެ ހިދުމަތް ހޯދަން ކަމަށް ވިޔަސް މީގެ ފަހުން ކުޑަހުވަދޫ ބްރާންޗުގައި ކިޔޫ ހަދަން ދެން ނުޖެހޭނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކުޑަހުވަދޫގައި ގާއިމްކުރި ސެލްފް ސާވިސް ސެންޓަރުގެ ހިދުމަތުގެ ތެރެއިން ޑޮލަރު އޭޓީއެމް ވެސް ބަހައްޓާފައިވާތީ، ޑޮލަރު ޖަމާކުރަން ވެސް މީގެ ފަހުން އެ ރަށުގެ ބްރާންޗަށް ކަސްޓަމަރުން ދާކަށް ނުޖެހޭނެ އެވެ.
"އެހެންކަމުން މި ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުން ތިޔަބޭފުޅުންނަށް ދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ވަގުތު ލިބިގެންދާނެ،" ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޑަހުވަދޫ ބްރާންޗު އެއްކޮށް ޑިޖިޓަލް ކުރުމާ އެކު، އެ ތަނުގެ މުވައްޒަފުން ވެސް ބަދަލުވާނީ އެ ރަށާއި އެ ސަރަހައްދުގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދޭ "ފައިނޭންޝަލް އެޑްވައިޒަރުން" ނަށް ކަމަށެވެ.
އެ މުވައްޒަފުން ކުރާނެ އެއް ކަމަކީ ޝަރީފު ވިދާޅުވި ގޮތުގައި، ބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދޭނެ ގޮތްތައް ކިޔައިދީ، ކަސްޓަމަރުން އެ ކަމަށް އަހުލުވެރި ކުރުވާނެ ބަޔަކަށެވެ.
ފައިނޭންޝަލް އެޑްވައިޒަރުންގެ އިތުރު ޒިންމާތައް:
- މާލީ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމުން އަރައިގަންނާނެ ގޮތް ކިޔައިދިނުން
- ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް ކިޔައިދިނުން
- ދ. އަތޮޅުގެ މީހުންނަށް ފައިނޭންޝަލް ލިޓްރަސީ ކިޔައިދިނުން
- ޒުވާން ވިޔަފާރިވެރިންނަށް ލަފާދިނުން
- ވިޔަފާރިއެއް ފަށައިގަންނާނެ ގޮތް ކިޔައިދިނުން
ޝަރީފު ވިދާޅުވީ، ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން ވާނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ "މާލީ މިތުރުންނަށް" ކަމަށެވެ.
"ކަމެއްދަމެއް ބޮޑުވުމުން ހިޔާލު ބަދަލުކޮށްލައި، އެހީތެރިވެދޭ މަދަދުވެރިންނަށް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބިންގާ އެޅި ބްރާންޗުތަކުގެ ތެރެއިން 12 ބްރާންޗެއް ކުރިއަށް އޮތް މާޗު މަސް ނިމުމުގެ ކުރިން ހުޅުވަން ތައްޔާރުވަމުން އަންނައިރު ސީއީއޯ ވިދާޅުވި ގޮތުގައި، ހުރިހާ ބްރާންޗެއް ވެސް ޑިޖިޓަލްކޮށް، ކުޑަހުވަދޫ ސްޓައިލަށް ވަރަށް އަވަހަށް ބަދަލުވާނެ ކަމަށެވެ.