ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ފަށަން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަމުރުކުރައްވައިފި ކަމަށް އީރާންގެ މީޑިއާއިން ބުނެފި އެވެ.
މިކަން ހާމަކޮށްފައި މި ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވަމުން ގެންދެވި ނަމަވެސް އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ.
އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ހުއްޓުވުމުގައި އެތައް ހާސް ބަޔަކު މެރި މައްސަލައާ ގުޅުވައި އެ ގައުމަށް ހަމަލާ ދޭނެ ކަމުގެ އިންޒާރާ އެކު ޓްރަމްޕު ވަނީ އީރާން ކައިރިއަށް ހަނގުރާމަމަތީ މަނަވަރުތައް ވެސް ޖަމާކޮށްފަ އެވެ. އެކަމަކު ޓްރަމްޕު ގެންދަވަނީ މި އިންޒާރުތަކާ އެކު ވެސް އީރާނާ އެކު މަޝްވަރާކުރެވޭނެ ކަމަށާއި އެއްބަސްވުމަކަށް ވެސް އާދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވަމުންނެވެ.
"ރައީސް ޕެޒެޝްކިއަން ވަނީ އެމެރިކާއާ އެކު ވާހަކަތައް ފެށުމަށް އަމުރުކުރައްވާފައި،" ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުންޏެވެ.
"އީރާނާއި އެމެރިކާއިން ވާހަކަ ދައްކާނީ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން،" މަޝްވަރާތައް ފަށާ ވަކި ތާރީހެއް ހާމަނުކޮށް ބުނެފައިވެ އެވެ.
ސަރުކާރުގެ ނޫހެއް ކަމަށްވާ އީރާން އަދި ރިފޯމިސްޓް ނޫހެއްގެ ގޮތުގައި ސިފަކުރާ ޝަރުޣް އިން ވެސް މި ޚަބަރު ގެނެސްދީފައިވެ އެވެ.
އީރާނުން މިއަދު ކުރިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތަކާއި އެކަމާ ބެހޭ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"މި ގެންދަނީ ޑިޕްލޮމެޓިކް ޕްރޮސެސްގެ ކޮންމެ މަރުހަލާއެއްގެ ތަފްސީލް ރިވިއުކޮށް ފައިނަލް ކުރަމުން. ކުރިއަށް އޮތް ދުވަސްތަކުގައި އެ މަޝްވަރާތައް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަގާއީ ވިދާޅުވި އެވެ.
ރައީސް ޓްރަމްޕު ވަނީ އީރާނުން ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމަށް ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް ވިދާޅުވެ މީގެ ކުރިން އިންޒާރު ދެއްވައިފަ އެވެ. އެކަމަކު ބަގާއީ ވިދާޅުވީ އީރާނުން މުހުލަތުތަކެއް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެފަދަ މުހުލަތެއް އެމެރިކާއިން ކަނޑައަޅާފައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދޭން ފެށުމާ އެކު ސަރަހައްދުގެ ގައުމުތަކުން ގެންދަނީ މަސްރަހު އަމާންކުރުމަށް ޑިޕްލޮމެޓިކް ގޮތުން އެތައް މަސައްކަތެއް ކުރަމުންނެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ މިދިޔަ ހަފްތާގައި ތުރުކީއަށް ވަޑައިގެން މިސްރާއި ސައުދީ އަދި ތުރުކީގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ރައީސް ޓްރަމްޕު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފައްދައިގެން ނުވާނެ ކަމަށް. އެކަމަށް އަޅުގަނޑުމެން ފުރިހަމައަށް އެއްބަސްވަން ... މިއީ ވަރަށް ރަނގަޅު ޑީލަކަށް ވާނެ،" އަރަޣްޗީ ސީއެންއެން އަށް ވިދާޅުވި އެވެ.
"އެއީ ޔަގީންކަމެއް. ބަދަލުގައި ކޮށްދޭންޖެހޭނެ ކަމަކަށް ވާނީ [އީރާނާ ދެކޮޅު] ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން. އޭރުން އެ ޑީލް ކަށަަވަރުވާނެ. ނުވާވަރު ކަންކަމާ ވާހަކަ ނުދައްކަމާ ހިނގާ."
އޭނާ ވިދާޅުވީ އެމެރިކާގެ އިންޒާރާ އެކު ސަރަހައްދީ ގައުމުތަކުން އެކަމުގެ ތެރެއަށް ވަދެ ހައްލެއް ހޯދަން ވާހަކަ ދައްކަން ފެށުމުން، އީރާނަށް ދޭ ހަމަލާއެއްގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް ފެށޭނެ ކަމުގެ ބިރު އޮތް މިންވަރު ހާމަވާ ކަމަށެވެ. -- އޭއެފްޕީ