ކެންސަރު ބަލިކޮށްލެވޭނީ ވަރަށް ގަދަ ހިތްވަރުންނެވެ؛ ޝަޒީމާ އަލީ އާއި ދަރިފުޅު އަހްމަދު އައިދިން ކެންސަރުގައި އުފުލި ވޭނުން އަރައިގަތުމަށް ކުރީ އުނދަގޫ ދަތުރެކެވެ. އެކަމަކު އެ ކެތްތެރިކަމުން އެ ދެމައިންނަށް މިއަދު އޮތީ ހިތްހަމަޖެހުމެވެ. 

ޝަޒީމާއަށް ކެންސަރު ޖެހުނު ކަން އެނގުނީ ދަރިފުޅު އެ ބަލި ތަހައްމަލް ކުރަނިކޮށެވެ. 

އައިދިން ފުރަތަމަ ހޮޑުލީ އެވެ. އަބަދުވެސް އުޅުނީ ބޮލުގައި ރިއްސާތީ އެވެ. ހެދި ޓެސްޓުތަކުން ވެސް މައްސަލައެއް ނުފެނުނެވެ. ޑޮކްޓަރުން ފުރަތަމަ ބުނީ ކުޑައިރު ދިމާވި މައިގްރޭންގެ މައްސަލައަކާ ހެދި އައިދިންއަށް ވާ ގޮތެއް ކަމަށެވެ.

އެ އުނދަގުލަށް ލުޔެއް ނުލިބި، އިތުރަށް ވާން ފެށީ ގޯހެވެ.

ޝަޒީމާ އަލީ ބުނީ އައިދިން ކޮންމެ ދުވަހަކު ވެސް އެއް ފަހަރު ހޮޑުލާ ކަމަށެވެ. އެކަމަކު، ފަހުން އައިސް އެ އަދަދު 3-5 އަށް އިތުރުވުމުން ކަމެއް ގޯސްވާކަމުގެ އިހުސާސް ބޮޑުވި އެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ލޮލަށް ވެސް އޭރު އުނދަގޫވާން ފެށި ކަމަށް މަންމަ ބުންޏެވެ.

އެ ހިސާބުން އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރަކަށާއި ލޮލުގެ ޑޮކްޓަރަކަށް ދައްކައިގެން ހެދި ޓެސްޓުތަކުން، ހަތް އަހަރުގެ ދަރިފުޅުގެ ބޮލުގައި ޓިއުމަރެއް އިންކަން އެނގުނެވެ. ޓެސްޓުތައް ހަދާފައި ރިޕޯޓު ލިބުނީ ކޮވިޑުގައި މާލެ ލޮކްޑައުން ކުރި ދުވަހެވެ. ފަހުން ރިޕޯޓު ދެއްކީ އޭޑީކޭއިން ގުޅާފައި އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެދުމުންނެވެ.

ނަރުހަކަށް މަސައްކަތްކުރާތީ ސިއްހީ ކަންކަން އެނގުނަސް، ދަރިފުޅުގެ ބޮޑު ބައްޔާއެކު ޝަޒީމާގެ ދުނިޔެ ހުއްޓުނެވެ. ބައްޔެއް ހުރިކަން ގަބޫލުކުރަން ބޭނުމެއް ނުވި އެވެ. 

ނާރުގެ ބައްޔާއި ކެންސަރުގައި މީހުން އުޅޭ ހާލު ފެނިފައި އޭނާއަށް އުނދަގޫވާތީ، ހޮސްޕިޓަލުގައި ވެސް ވެސް އެ ދެ ޑިޕާޓްމަންޓު ނޫން އެހެން ތަންތަނުގައި މަސައްކަތްކުރި އެވެ. އެކަމަކު، ތަގުދީރު ނިޔާކުރީ ތަފާތު ގޮތަކަށެވެ. 

އައިދިން އަށް ޖެހުނީ ސިކުނޑީގެ ކެންސަރަށް ވާތީ، ނާރާއި ކެންސަރުގެ ކަންކަން ދަސްކުރަން ޖެހުނެވެ.  

ޝަޒީމާ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، އައިދިންއާއެކު.
ޝަޒީމާ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، އައިދިންއާއެކު.

ޝަޒީމާ ބުނީ ދަރިފުޅު ބޮޑު ބައްޔަކަށް ދެނެގަނެވުނު ހިސާބުން ކަންކަން ރޭކާލާން ފެށި ކަމަށެވެ. ހޮޑުލުމާއި ބޮލުގައި ރިއްސުން އަދި ބޯ އަރިއަކަށް އޮތުމަކީ އެ ކެންސަރުގެ އަލާމާތްތައް އެނގުނެވެ. ފަލަކޮށް ހުރި އައިދިންގެ ބަރުދަން ވެސް އަހަރެއްގެ ތެރޭގައި ވަރަށް ލުއިވި އެވެ. 

"ހީކުރީ އައިދިން ޗަބީކޮށް ހުންނާތީ ކްލާހުގައި ކުދިން އެއްޗެހި ކިޔާތީއޭ ކިޔާފައި ނުކާތީ ކަމަށް ލުއިވީ. އެކަމަކު، ފަހުން މި ނަގައިގަނެވުނީ އަލާމާތްތައް ކުރިން ފެންނަން ފެށިކަން،" އޭނާ ބުންޏެވެ. 

ރިހޭ ފައިމައްޗަށް ފޮއި

ދަރިފުޅަށް ކެންސަރު ޖެހުމުން މާލޭގައި ސާޖަރީ ހަދައިގެން ރޭޑިއޭޝަނަށް އިންޑިއާއަށް ދިޔައީ ދެމައިން އެކަންޏެވެ. އެ ތަނުގައި 110 ދުވަސް ހޭދަކުރިއިރު، އިތުރު އެހީތެރިއަކަށް ހުރީ އެ ވަގުތު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ތިބި ހުރި އާއިލާ މީހެކެވެ.

ރޭޑިއޭޝަަންގެ 32 ސެޝަނަށް ފަހު އަނބުރާ މާލެ އައިސް އައިދިން ފެށީ ކީމޯތެރަޕީ އެވެ. ޝަޒީމާގެ އުރަމަތީގައި ގަނޑެއް އިންކަން އެނގުނީ، އައިދިން ބަލިކަން އެނގުނުތާ އެއް އަހަރު ފަހުންނެވެ. އޭރު ކީމޯގައި ބާކީ ސެޝަނެއް އޮތެވެ. 

"ސާޖަރީއަށްފަހު، އައިދިންނާއެކީގައި އައިދިންގެ ފަހުގެ ކީމޯ ދިންއިރު ހުރިން،" ޝަޒީމާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު ބަލިން އެއްކޮށް ރަނގަޅުނުވަނީސް، އަނެއްކާ އެ އުނދަގޫ ދަތުރު ތަހައްމަލުކުރަން އުނދަގޫ ކަމަށެވެ. ނަމަވެސް، ބަލަންޖެހޭ ދަރިފުޅަކާއި ކޮނޑުގައި އެޅިފައި ހުރި ބޮޑެތި ޒިންމާތަކާއެކު، ހިތްވަރު އެލުވާލުމަކީ އޭނާއަށް އޮތް ފުރުސަތެއް ނޫންކަން އަމިއްލައަށް ގަބޫލުކުރި އެވެ.

ޝަޒީމާ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، އައިދިންއާއެކު.
ޝަޒީމާ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، އައިދިންއާއެކު.

"ވަރަށް އުނދަގޫ ކަމަކަށްވީ. އެކްސްޕެކްޓެއް ވެސް ނުކުރަން. އަބަދު ވެސް އުއްމީދުކުރާށޭ ބުނަނީ ރަނގަޅަށް ކަންތައް ވޭތޯ. އެގޮތަށް އުއްމީދުކޮށްގެން ހުރީ ޑޮކްޓަރު ފަސް ޕަސެންޓުގެ އުއްމީދެއް ދިނީމަ ވެސް އެކްސްޕެކްޓިން ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް،" ޝަޒީމާ ބުންޏެވެ. 

"ރިޕޯޓު ލިބުމުން ހިތަށް އެރީ އަމިއްލަ މީހާ ހޭންޑުލް ކުރެވިދާނެ އަދި އެހެން މީހުންނަށްޓަކައި ވެސް ހިތްވަރުކުރަންޖެހޭނެއޭ. އަމިއްލައަށް ކެންސަރުގައި ރުއީ ބޮލުގެ އިސްތަށިގަނޑު ޓްރިމްކުރި ދުވަހު އެކަނި. އެކަމަކު، ދަރިފުޅު ބަލިވެގެން ވަރަށް ގިނައިން ބްރޭކް އައުޓު ވާ ހިސާބަށް ދިޔަ."

އައިދީން ކެންސަރުން ސަލާމަތްވިތާ އަންނަ ޖުލައި މަހު ފަސް އަހަރުވާނެ އެވެ. ޝަޒީމާގެ ދަތުރަށް ފަސް އަހަރުވާނީ އަންނަ އަހަރުގެ އޮގަސްޓު މަހެވެ. 

"މިއީ ހިތްވަރުގަދަކަމުގެ ނިޝާނެއް"

ދެ ފަހަރަށް ސާޖަރީ ހެދުމުން އައިދީންގެ ބޮލުގައި ބޮޑު ލަކުނެއް އިނދެ އެވެ. ފަރުވާއަށް ފަހު އަނބުރާ ސްކޫލަށް ދާން ވެސް އޭނާއަށް އެންމެ އުނދަގޫވީ އެ ލަކުނެވެ. 

ނަމަވެސް، ޝަޒީމާ ދަރިފުޅަށް ވިސްނައިދިނީ އެއީ ހިތްވަރުގަދަ ކަމުގެ ނިޝާނެއް ކަމެވެ. ދިރިއުޅުމުގައި ބިންދާލި ބިޔަ ރާޅުން ސަލާމަތްވިކަމުގެ ވަރުގަދަ ރަމްޒެއް ކަމެވެ.

"އޮޕަރޭޝަން ކޮށްގެން ވެންޓިލޭޓަރުގައި އޮއްވައި ވެސް ބުނިން ރަނގަޅުވާން ބޭނުންވަންޏާ ވާނެއޭ، ވިލް ޕަވާއޭ ބޭނުންވާނީ. އެކަމަކު، އެންމެ ބޮޑު ޗެލެންޖަކަށް ވީ ކުދިންނަށް އެޕްރޯޗްކުރާނެ ގޮތް. އައިދިން ކައިރި ބުނިން ކުއްޖަކު އަހައިފިއްޔާ ބުނާށޭ އެއީ ބްރޭވަރީގެ ސައިނެއް ކަމަށް. އެހެންވެ، ވަރަށް ފަސޭހަވި." އޭނާ ބުންޏެވެ. 

ބައްޔަކާ ކުރިމަތިލުމުން މީހުންގެ އެހީތެރިކަން އައިދީނަށް ލިބެ އެވެ. ނަމަވެސް، މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ މީހުންގެ ދުވަހު ޝަޒީމާ އެދެނީ އާއްމު އެހެން ކުދިންނާ ތަފާތުނުކުރުމަށެވެ. އެއް ހަމައަކުން އައިދިން ވެސް ބަލައިގަތުމަށެވެ.