ކެންސަރު ބަލީގެ ދަފްތަރުގައި މިދިޔަ އަހަރު މުޅިން އަލަށް 100 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އަކަމަކު މިއީ މިގޮތަށް ރެކޯޑް ބަލަހައްޓަން ފެށި ފަހުން އެންމެ މަދުން މީހުން ރަޖިސްޓްރީވި އަހަރު ކަމަށް އެޗްޕީއޭއިން މިރޭ ބުނެފި އެވެ.
މާދަމާ ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅުވައި، އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 1،106 މީހުން ކެންސަރުގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށެވެ.
އެންމެ މަދުން މީހުން ރަޖިސްޓްރީވީ މިދިޔަ އަހަރު ކަމަށް ވާއިރު އެއީ 111 އެވެ.
ކެންސަރުގެ ގައުމީ ދަފްތަރުގެ ހަ އަހަރުގެ ތަފްސީލް
2020: 137 މީހުން
2021: 208 މީހުން
2022: 244 މީހުން
2023: 211 މީހުން
2024: 195 މީހުން
2025: 111 މީހުން
އެޗްޕީއޭއިން މިދިޔަ އަހަރު ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ކެންސަރުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 1،617 މީހުންނެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމްލަ 1،964 މީހުން އެ ލިސްޓުގައި އެބަތިއްބެވެ. މިއީ އަހަރެއްގެ ތެރޭގައި 347 މީހުންގެ އިތުރުވުމެކެވެ.
އެ އިދާރާއިން ބުނީ ކެންސަރު ދަފްތަރުގެ 57 ޕަސެންޓަކީ އަންހެނުން ކަމަށެވެ.
އެ ދަފްތަރަށް ބަލާއިރު، ފިރިހެނުންގެ ތެރޭގައި އެންމެ ގިނައީ ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް އަދި ބަނޑާއި ފުރަމޭގެ ކެންސަރެވެ. އަންހެނުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތި، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރެވެ.