އައިޖީއެމްއެޗްގައި ހުޅުވި ފާޓިލިޓީ ސެންޓަރުގެ އެހީ، ރަށްރަށުގެ ހޮސްޕިޓަލްތަކަށް ވެސް ދޭނެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ފާޓިލިޓީ ސެންޓަރުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، އަންހެނުންގެ ބަލިތަކުގެ ޑިޕާޓްމަންޓުގެ ކްލިނިކަލް ޑިރެކްޓާ، ސީނިއާ ކޮންސަލްޓަންޓް ޑރ. އަސީލް ޖަލީލް ވިދާޅުވީ ރާއްޖޭގައި ދަރިމައިވާ ރޭޓު ދަށްވަމުންދާ ކަމަށެވެ.
މީގެ ދެ އަހަރު ކުރީގެ ނަމްބަރުތަކާ ހަވާލާދީ އޭނާ ވިދާޅުވީ ފާޓިލިޓީ ރޭޓް ހުރީ 1.759 ގައި ކަމަށެވެ.
ދަރިމައިވުމުގެ ފަރުވާތަކަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފާޓިލިޓީ ސެންޓަރެއް ހުޅުވީ ނޮވެމްބަރު 15، 2024 ގަ އެވެ. އެ ތަނުން ފަރުވާ ހޯދައިގެން ލިބުނު ފުރަތަމަ ދަރިފުޅު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ އުފަންވެފަ އެވެ. ދެ ވަނަ ދަރިފުޅު، އޭގެ ހަތަރު ދުވަސް ފަހުން ލިބިފައިވެ އެވެ.
މި ވީ މުއްދަތުގެ ތެރޭގައި 578 މީހުން ވަނީ އެ ސެންޓަރުން ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި 23 މީހަކު ބަނޑުބޮޑުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ދަރިމައިވުމުގެ މައްސަލަައަކީ ހަމައެކަނި ސިއްހީ ކަމެއް ނޫން ކަމަށާއި ތިމާވެއްޓާއި ދިރިއުޅުމުގެ އާދަތަކާ ވެސް ގުޅިފައިވާ މައްސަލައެއް ކަމަށް، ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.
އަސީލް ވިދާޅުވީ ގުޅިގެން ކުރާ މަސައްކަތުން އުއްމީދެއް އެބައޮތް ކަމަށާއި ފާޓިލިޓީ ސެންޓަރުގެ މަސްއޫލިއްޔަތަކީ ހަމައެކަނި މާލެއަށް ހިދުމަތް ފޯރުކޮށްދިނުން ނޫން ކަމަށާއި ރަށްރަށަށް ވެސް ހަމަހަމަކަމާއެކު އެހީ ފޯރުކޮށްދިނުަމަކީ އިސް ވާޖިބެއް ކަމަށެވެ.
"އެކި ރީޖަނަލް ހޮސްޕިޓަލްތަކާ އެކު ނޭޝަނަލް ފާޓިލިޓީ ސެންޓަރު މަސައްކަތްކުރުމަށް މިހާރު ވަނީ ރާވާފައި. މަގުސަދަކީ ފަރުވާ ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިވެދިނުމާއި އެ ފަރާތްތައް ދިރިއުޅޭ ސަރަހައްދުތަކަށް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުން." އަސީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކުރާ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.