އާއްމު ސިއްހަތު ރައްކާތެރިކުރަން ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް ނާޅައި މަސައްކަތްކުރުމަކީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އިސްވެ ގެނެސްދެއްވާ "ތަރުޖަމާނާއެކު" ޕޮޑްކާސްޓުގައި ނާޒިމް ވިދާޅުވީ ބަލިމަޑުކަމުގެ ވައްޓަފާޅި ހުރި ގޮތުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެ ކަންކަމަށް ހުށަހެޅޭ އެންމެ ބޮޑު އެއް ހަތިޔާރަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެ ނުރައްކަލުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭޕް މަނާކުރުމާއި ދުންފަތުގެ އަގު ބޮޑުކުރުމާއި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުން އަދި އެ ބާވަތްތައް ވިއްކުމުގައި ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރުމަކީ މުހިއްމު ނިންމުންތަކެއް ކަމަށެވެ. 

"މިކަންކަމަށް އެޑްރެސްނުކޮށް ހެލްތު ނިޒާމުގެ ކަންކަން ރަނގަޅުކުރަން އުޅޭ އުޅުން ވެގެންދާނީ ހަމަ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމަކަށް. ބައިވަރު ލޯވަޅު ހުރި ބާލީދީއަކަށް ފެން އަޅާ ފުރުން ފަދަ ކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެންނަކީ ދުންފަތާ ދުރުހެލި މުޖުތަމައުއަކަށް ވެގެން ދިއުން. ދުންފަތް ވެފައިވަނީ ދިވެހިރާއްޖޭގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ނޮން ކޮމިއުނިކޭބަލް ޑިޒީސްއަށް ކޮންްޓްރިބިއުޓް ކޮށްދޭ ފެކްޓާއަށް. މިކަމުގައި އަޅުގަނޑުމެން އަޅާ ފިޔަވަޅު ވެގެންދާނީ ޕަބްލިކް ހެލްތުގައި އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް." 

ގައިންގަޔަށް ނާރާ ބަލިތަކުގައި ގިނަ ބަޔަކު މަރުވެގެންދާއިރު، އެކަމުގައި ވެސް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މެޑިކަލް ޗެކަޕް ހެދުމެވެ. ސަރުކާރުގެ ބަޖެޓުން މިހާރު އެކަން ކުރެވޭކަން ނާޒިމް ފާހަގަކުރެއްވި އެވެ. 

އާއްމު ސިއްހަތުގެ ދާއިރާ ހަރުދަނާކުރަން ސަރުކާރުން އަންނަނީ ސިއްހީ ހިދުމަތްދޭ ތަންތަނުން 18 އަހަރުން މަތީގެ އެންމެންގެ ޑޭޓާ ނެގުމުގެ މަސައްކަތްކުރަމުންނެވެ. 

ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ފެށުނީ ވެސް ޕްރައިމަރީ ހެލްތު ކެއާއަށް އިސްކަންދީގެން ކަމަށެވެ. ނަމަވެސް، އެކަންތައް ދޫކޮށްލެވުމުގެ ނަތީޖާއެއްގެ ގޮތުން ގޮންޖެހުންތައް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ނިޒާމު ވަރުގަދަކުރުމުގެ ތެރެއިން، 18 އަހަރުން މަތީގެ އެންމެންގެ ސިއްހީ މައުލޫމާތުގެ ޑޭޓާ، ސިސްޓަމް ތެރޭގައި ހިމެނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު 12 އަތޮޅެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ހުރިހާ އަތޮޅަކުން ޑޭޓާ ނަގައި ނިންމާލެވޭނެކަން ނާޒިމް ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވީ ވަކި ރަށްރަށުގެ ސްޓަޑީ ހެދުމުން ދުރާލައި ހައި ރިސްކު ޕޭޝަންޓުން ދެނެގަނެ، ޑޮކްޓަރަށް ދައްކައި ޗެކަޕް ހެދުމަށް ބާރު ލިބޭނެ ކަމަށެވެ.

"ޖީޕީ ކްލިނިކް ނިޒާމަށް ދާއިރު މިއީ މުހިއްމު މައުލޫމާތެއް،" މިނިސްޓަރު ވިދާޅުވި އެވެ.