މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އާ ފްރަންޓް އޮފީސް މިއަދު ހުޅުވައިފި އެވެ.
ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުމަށް ވާގޮތަށް ގާއިމްކުރި އާ އޮފީސް މިއަދު ހެނދުނު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
އޮފީސް ހުޅުވުމަށްފަހު ހޯމް މިނިސްޓަރު ވިދާޅުވީ ކަރެކްޝަނަލް ސާވިސްއިން އާންމުންނަށާއި ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭ ހިދުމަތްތައް އާ އޮފީހުން ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށެވެ. އަދި އެ އޮފީހުން ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށާއި އެއީ ބޮޑު ލުއިފަސޭހައެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ގައިދުވެފައި ތިބޭ އެ ބޭފުޅުންގެ އާއިލާ މީހުންނާއި އެކުވެރިންނާ އިދާރީ ގޮތުން މި ބާއްވަން ޖެހޭ ގުޅުން އަދި އިދާރާގެ ފަރާތުން ހޯދަން ޖެހޭ ހިދުމަތްތައް ލިބުމަށް ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ފްރޮންޓް އޮފީސް އިމާރާތްކޮށްފައިވަނީ ގައިދީންނާއި އޮފިސަރުން ކަމަށާއި އެކަމަށް ގައިދީން ތަމްރީނުކޮށް ކަރެކްޝަނަލްގެ އޮފިސަރުން ކޮށްފައިވަނީ ބުރަ މަސައްކަތެއް ކަމަށެވެ. ކަރެކްޝަނަލް ސާވިސްގެ ހެޑްކްއާޓާސް ވެސް އިމާރާތްކުރީ ރިހެބިލިޓޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ގައިދީންނާއި އެމްސީއެސްގެ އޮފިސަރުންނެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ އާ ފްރަންޓް އޮފީސް ހުޅުވުމުގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
އާ ފްރަންޓް އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުމާއި ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި އީމެއިލް އަދި ކައުންޓަރަށް އަންނަ ސިޓީ ފަދަ ލިއުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަންތަކާއި ޑިވިޒަން އަދި ކޮމާންޑްތަކާ ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ލިބޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
މީގެ އިތުރުން، ގައިދީންނާއި ބަންދުމީހުންގެ އަންނައުނު ބަލައިގަތުމުގެ އުސޫލާއި އެއްގޮތަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި އަންގާރަ ދެ ދުވަހު އާއިލާތަކުން ގެންނަ އަންނައުނު ބަލައިގަތުން ހިމެނެ އެވެ.