އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓް ބ. ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަންގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައި، އެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ހިންގުމުގެ އިތުރުން އެ އެއާޕޯޓުގެ ވެރިފަރާތުގެ ގޮތުގައި އައިލެންޑް އޭވިއޭޝަން ހަމަޖައްސަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު އޯގަސްޓް މަހު އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާ އެކު މަޝްވަރާކޮށް، އެ ކުންފުނީގެ އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ އެތަން ހަވާލުކޮށް އަދި ސަރުކާރުން ބޭނުންވާ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.
މީގެ 14 އަހަރު ކުރިން އޮކްޓޯބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓް މިހާރު އޮޕަރޭޓް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، އެތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޑިޒައިން އެންޑް ކޮންސަޓެންސީގެ ހިދުމަތް ހޯދަން އައިލެންޑް އެވިއޭޝަނުން އަމިއްލަ ކުންފުންޏާ އެކު މިދިޔަ ޑިސެމްބަރު މަހު ވަނީ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ.
އެއާޕޯޓުތަކާ ގުޅޭ ގޮތުން ރައީސް ފާހަގަކުރެއްވި ކަންކަން
- ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި މިދިޔަ އަހަރު ޖުލައި 26 ގައި ހުޅުވި. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ވެސް ނިންމައި މިދިޔަ އަހަރު ނޮވެމްބަރު 9 ގައި ވަނީ ހުޅުވައިފައި. އަދި މ. މުލީ ޑޮމެސްޓިކް އެއާޕޯޓު މިދިޔަ އަހަރު 8 މެއި ގައި ވަނީ ހުޅުވައިފައި.
- ގައުމީ އެއާލައިނުން ވައިޑްބޮޑީ އެއާކްރާފުޓުގެ ހިދުމަތް މިދިޔަ އަހަރު ފެށި. އަދި އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް މި އަހަރު ގެންނާނެ.
- ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށައިފައި.
- ހދ. ދިއްދޫ، ހދ. މަކުނުދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ށ. މިލަންދޫ، ނ. ވިހަފަރު، ރ. އަލިފުށި، ރ. ފައިނު، ބ. ތުޅާދޫ، އއ. މަތިވެރި، ފ. ނިލަންދޫ، ފ. މަގޫދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، ލ. ކައްދޫ، ގއ. ވިލިނގިލި، ގދ. ކާޑެއްދޫ އަދި އައްޑޫ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާނެ.
- ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގއ. މާވާރުލު އަދި ފުވައްމުލަކު އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް ދޭ.
- ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ ގޮތް މިދިޔަ އަހަރު ވަނީ ހަދައިފައި.
- އައްޑު އާއި ފުވައްމުލައް އަދި ގއ އާއި ގދ، އަތޮޅަށް މި މަހު ވަނީ ފުރޮޅުލީ ކުދި މަތިންދާބޯޓުތަކުގެ ހާއްސަ ދަތުރުތަކެއް ފަށައިފައި.
- ފުރޮޅުލީ ކުދި މަތިންދާބޯޓުތަކުގެ ރޫޓަކުން ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. މަކުނުދޫ އެއާޕޯޓް ގުޅާލާނެ.
-
ނ. ވެލިދޫ، ބ. ކަމަދޫ، ބ. ފުޅަދު އަށް ސީޕްލޭންތައް ދަތުރުތައް ވަނީ ފަށައިފައި. އަދި މި މަހު އއ. ތޮއްޑުއަށް ވެސް ސީޕްލޭން ދަތުރުތައް ފަށާނެ.