ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއަށް މިދިޔަ އަހަރު 100 އިން 39 ލިބި ކޮރަޕްޝަންގެ ހާލަތު ދާދި އެއްވަރެއްގައި އޮތްކަމަށް ދައްކާފައި ވާއިރު އެއީ އޭގެ ޒާތުގައި، ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ސީޕީއައި އަކީ ގައުމުތަކުގައި، "ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު" ބަލާ އެންމެ އާންމު މިންގަނޑު ކަމަށެވެ. އަދި ސީޕީއައި އަކީ އޭގެ ޒާތުގައި، ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.
އޭސީސީން ބުނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ އެ އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި މިއީ ދެކޭ ގޮތް (ޕާސެޕްޝަން)ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށް ވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިން ބިނާވަނީ ދެކޭ ގޮތުގެ މައްޗަށް ރިއާޔަތްކޮށް ނެގޭ މައުލޫމާތުގެ މައްޗަށް ކަމަށް އޭސީސީން ބުންޏެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނި ގޮތުގައި، ސީޕިއައިގައި ރާއްޖެ މިދިޔަ އަހަރު ވަނީ އެއް ޕޮއިންޓު ކުރިއަށް ޖެހިލައިފަ އެވެ. އޭގެ ކުރީގެ އަހަރު ސީޕިއައިގައި ރާއްޖެއަށް ލިބުނީ 38ގެ ސްކޯއެކެވެ.
މި ރޭންކިންގައި ކޮރަޕްޝަން ޕާސެޕްޝަންގެ އެންމެ ގޯސް އަދަދަކީ 1 އެވެ.
ސީޕީއައި ރޭންކިންގައި މިވަގުތު ރާއްޖެ އޮތީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.
އޭސީސީން ބުނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ރާއްޖޭގެ މިދިޔަ އަހަރު ސީޕީއައި ސްކޯ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކޮށްފައި ވަނީ ހަމައެކަނި ތިން މަސްދަރެއް ކަމަށެވެ. އެއީ؛
- ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް
- ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް
- ވެރައިޓީސް އޮފް ޑިމޮކްރަސީ
އޭސީސީން ބުނީ އެއީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށެވެ.
ގިނަ ގައުމުތަކާ ހިލާފަށް، ރާއްޖޭގެ ސްކޯ އެކުލަވާލުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ބޭނުންކޮށްފައި ވަނީ، މަދު މަސްދަރުތަކެއް ކަމަށްވުމާ އެކު، އެ ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއް ކަމަށް ހެދުމަށް މިކަން ގައުމީ ފެންވަރުގައި މަޝްވަރާކުރެވި އާންމުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ގައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް)، އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ދިގުރާސްތާ ގައުމީ ޕްލޭނާއި "މޯލްޑިވްސް 2.0"އާ އެއްކީލިވާނެ، "ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާ އެކު، އެކުލަވާލުމުގެ މަސައްކަތް ވެސް އެ ކޮމިޝަނުން ފަށާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުންޏެވެ.
އޭސީސީން ބުނީ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ "މެޝަރިން އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް"ގެ ފަންނީ މަސައްކަތުގައި ވެސް އެ ކޮމިޝަނުން އެހެން ގައުމުތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.