ޕޮލިސް ކޮމިޝަނަރު ކަމުން ރިޓަޔަކުރަން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަމަށް ވަކި ރަނގަޅު ވަގުތެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރެވޭނެ ކަމަށް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ. 

މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި، ރަސްމީކޮށް މިއަދު ސިޓީ ވަނީ ފޮނުއްވައިފަ އެވެ.  އެ ސިޓީ ފޮނުވުމަށްފަހު ފުލުހުންގެ އިސް ބޭފުޅުންނަށް ނަވީން ފޮނުއްވި މެސެޖުގައިވަނީ ރިޓަޔަކުރަން ނިންމީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި މިކަން އެނބުރޭތާ ދުވަސްތަކެއް ވެއްޖެ،" ނަވީންގެ މެސެޖުގައިވެ އެވެ. 

ނަވީން ވިދާޅުވީ ފުންކޮށް ވިސްނުމަށްފަހު އޭނާއަށް ގަބޫލުކުރެވުނީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުން ދުރުވެ، މުއައްސަސާގެ ލީޑަޝިޕް އޮމާންކަމާއެކު ބަދަލުވާން ފުރުސަތު ދޭން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"މިފަދަ ހިދުމަތެއްގައި، މަގާމުގައި އިތުރު ދުވަސްތަކެއް މަޑުކުރުމަކުން ރިޓަޔާ ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ވަކި ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ. 

ދިވެހި ގައުމަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ޝަރަފުވެރި މަގާމެއްގައި ހުރެ ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ ނަވީން ވިދާޅުވި ގޮތުގައި އޭނާއަށް ލިބުނު ބޮޑު ޝަރަފަކާއި ފަހުރެކެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، މުޒާހަރާތައް ހޫނުވެފައި އޮއްވަ އެވެ. 

ނަވީނާ އެކު ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. 

ކޮމިޝަނަރު ކަމަށް އައްޔަން ކުރުމުގެ ގޮތުން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ އޭރު ހަވާލުވެ ހުންނެވީ ވެސް ނަވީނެވެ. 

މަގާމުން ރިޓަޔަކުރައްވަން ނަވީން ނިންމެވިއިރު އޭނާއާއެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާ ދީފައިވެ އެވެ. އެއީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް، މިހާތަނަށް މަޖިލީހުން އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެ އެވެ.