ފުލުހުންގެ ހިދުމަތުގައި 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، އެ މުއައްސަސާއިން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ރިޓަޔާ ކުރައްވައިފި އެވެ. 

މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި، ރަސްމީކޮށް މިދިޔަ އާދިއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީ ފޮނުއްވާފައިވެ އެވެ.  އެ ސިޓީގައިވާ ގޮތުން އޭނާ ރިޓަޔަކުރައްވަން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ. 

ރިޓަޔަކުރެއްވުމަށް ފަހު، ނަވީން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަން އޭނާ ފާހަަގަކުރެއްވި އެވެ. 

ނަވީން ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބުމަކީ އޭނާއަށް ފަހުރެކެވެ. 

ފުލުހުންގެ އިސް ބޭފުޅުންނަށް ނަވީން ފޮނުއްވި މެސެޖެއްގައި ވަނީ ރިޓަޔާކުރަން ނިންމީ ވަރަށް ފުންކޮށް ވިސްނެވުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި މިކަން އެނބުރޭތާ ދުވަސްތަކެއް ވެއްޖެ،" ނަވީންގެ މެސެޖުގައިވެ އެވެ. 

ނަވީން ވިދާޅުވީ ފުންކޮށް ވިސްނެވުމަށް ފަހު، އޭނާއަށް ގަބޫލުކުރެއްވުނީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުން ދުރުވެ، މުއައްސަސާގެ ލީޑަޝިޕް އޮމާންކަމާ އެކު ބަދަލުވާން ފުރުސަތު ދޭން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"މިފަދަ ހިދުމަތެއްގައި، މަގާމުގައި އިތުރު ދުވަސްތަކެއް މަޑުކުރުމަކުން ރިޓަޔާ ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ވަކި ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ. 

ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، މުޒާހަރާތައް ހޫނުވެފައި އޮއްވަ އެވެ. 

ނަވީނާ އެކު ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. 

ކޮމިޝަނަރު ކަމަށް އައްޔަން ކުރުމުގެ ގޮތުން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ އޭރު ހަވާލުވެ ހުންނެވީ ވެސް ނަވީނެވެ. 

ނަވީނާ އެކު، ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާ ދީފައިވެ އެވެ. އެއީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް، މިހާތަނަށް މަޖިލީހުން އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެ އެވެ.