ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން މިއަދު ފަށައިފި އެވެ. 

ޝައިހްގެ ސިއްހީ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާ އިން ބުނި ގޮތުގައި ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށް ފަހު، ހުން ގަދަވެ ހާލުދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް މިއަދު ޝެއިހް އެޑްމިޓްކޮށްފައިވާ ކަމަށެވެ. 

"ބައެއް ސީރިއަސް ކަންކަން ހިމެނޭތީވެ ޓެސްޓުތަކެއް ކުރިޔަށް ގެންދާނެ ކަމަށް ޑޮކްޓަރު ވަނީ އަންގަވާފައި. އެންމެ ބޭފުޅުންގެ ހެޔޮ ދުއާ އަށް އެދެން،" އެ ޖަމިއްޔާއިން ބުންޏެވެ. 

ޝެއިހް މާލެ ވަޑައިގެންނެވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ. ހުޅުމާލޭގައި އޮތް އެ ދަރުހުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. 

ޝައިހުގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް މީގެ ކުރިން އާންމުންގެ އެހީއަށް އެހީ ޖަމިއްޔާއިން ހުޅުވާލި އެވެ. ޖުމްލަ 308،400 ރުފިޔާ ހޯދަން އެހީއަށް ހުޅުވާލިއިރު، 24 ގަޑިއިރު ނުވަނީސް އެ އަދަދު ހަމަވި އެވެ. 

ޝައިހް މުހައްމަދު އިބްރާހިމް އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، ދެ ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްހީ މައްސަލަތަކާ ހެދި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ އެވެ.

އާންމުންގެ އެހީއާ އެކު ތައިލެންޑަށް ވަޑައިގެން، އެ ގައުމުގެ ތިން ހޮސްޕިޓަލަކަށް ލޮލުގެ މައްސަލަ ވަނީ ދައްކައިފަ އެވެ. އެހީގެ ޖަމިއްޔާއިން ބުނި ގޮތުގައި ތިން ހޮސްޕިޓަލުން ވެސް ބުނެފައިވަނީ ޝައިހްގެ ލޯ މިހާރު ހުރި ހާލަތުން އިތުރު އޮޕަރޭޝަނެއް ނުކުރެވޭނެ ކަމަށެވެ. ލޯ މިހާރު ހުރި ހާލަތުގައި ދަމަހައްޓަން ދީފައިވަނީ ބޭހެވެ. 

ގާތްގަނޑަކަށް މަހެއްހާ ދުވަހު ޝައިހް ތައިލެންޑްގައި ފަރުވާއަށް ހުންނެވިއިރު ލޮލުގެ އިތުރުން ކިޑްނީ އާއި ހިތުގެ މައްސަލަތަކަށް ވެސް ޑޮކްޓަރުންނަށް ދެއްކި އެވެ. 

މަދީނާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައިހް މުހައްމަދު އިބްރާހިމް ވަނީ އެކި ދާއިރާތަކުން ފޮތްތައް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.