އިލެކްޝަންސް ކޮމިޝަން(އީސީ) ގެ މެމްބަރު ކަމަށް ރިފްއަތު އަބްދުﷲ އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އީސީގެ މެމްބަރުކަމުގެ ހުވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. އޭނާއަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އީސީގެ މެމްބަރުކަމުން ހުސްވެފައިވާ މަގާމަށް އޭނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާ ރިފްއަތަކީ ކުރިން އިލެކްޝަން ކޮމިޝަންގެ ވަކީލެއްގެ ގޮތުން އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެ ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ބޮޑެތި މައްސަލަތަކެއްގައި އޭނާ ވަކާލާތު ކުރެއްވި އެވެ.
އެގޮތުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑިއާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވެސް އޭނާ އެ ކޮމިޝަން ތަމްސީލު ކުރެއްވި އެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި ވެސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި އެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެމްބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި މެމްބަރު ހަަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއީލެވެ. އޭގެ ތެރެއިން ޒަކަރިއްޔާއަކީ ވެސް މީގެ ކުރިން ކޮމިޝަންގެ ގާނޫނީ ޓީމުގައި ހިމެނުނު ބޭފުޅެކެވެ.