ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، އެއް މަސް ދުވަހުގެ ތެރޭގައި 170 އަށްވުރެ ގިނަ މީހުން އިތުރަށް ރަޖިސްޓްރީވެއްޖެ އެވެ.

އެންސްޕާއިން މިދިޔަ މަހު އާއްމުކުރި މައުލޫމާތު ދައްކާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 15،059 މީހުންނެވެ. ނަމަވެސް، މިއަދު ހިއްސާކުރި މައުލޫމާތަށް ބަލާއިރު 177 މީހުން ވަނީ އިތުރުވެފަ އެވެ. 

އެ އިދާރާއިން ބުނީ މިދިޔަ މަސް ނިމުނުއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބީ 15،236 މީހުން ކަމަށެވެ.

ދެ މަސް ދުވަހުގެ ބަދަލުތަކަށް ބަލާއިރު، އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ނަފްސާނީ ނުކުޅެދުންތެރިކަމުގެ ބަޔަށެވެ.

މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ނަފްސާނީ ނުކުޅެދުންތެރިކަމުގައި ތިބީ 2،116 މީހުންނެވެ. އެ އަދަދު މިދިޔަ މަހު ވަނީ 2،173 އަށް އިތުރުވެފަ އެވެ.

ދެ ވަނައަށް އެންމެ ގިނަ މީހުން ތިބި، ޖިސްމާނީ ނުކުޅެދުންތެރިކަމުގައި މިދިޔަ ޑިސެމްބަރު މަހު 4،223 މީހުން ރަޖިސްޓްރީވި އެވެ. އަދި މިދިޔަ މަހު އެ ކެޓަގަރީގައި ތިބީ 4،272 އެވެ. 

ތިން ވަނައަށް އެންމެ ގިނައީ މަލްޓިޕަލް ޑިސެބިލިޓީ ނުވަތަ އެއް ނުކުޅެދުންތެރިކަމަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. 

އެ ބައިގައި މިދިޔަ ޑިސެމްބަރު މަހު ތިބީ 3،396 މީހުންނެވެ. މިދިޔަ މަހު ވަނީ 3،441 އަށް އަރައިފަ އެވެ. އެއީ 45 މީހުންގެ އިތުރުވުމެކެވެ.

އެންސްޕާގެ މައުލޫމާތުތައް ދައްކާގޮތުން، ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ޑިސެމްބަރު މަހު އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ 18-64 އަހަރާ ދެމެދުގަ އެވެ. އެއީ 3،929 ފިރިހެނުންނާއި 3،724 އަންހެނުންނާއެކު ޖުމްލަ 7،653 މީހުންނެވެ.

ދެވަނައަށް އެންމެ ގިނައީ 18 އަހަރުން ދަށުގެ ކުދިންނެވެ. އެ ކެޓަގަރީގައި ޖުމްލަ 5،099 މީހުން ހިމެނެ އެވެ. އެއީ 3،560 ފިރިހެން ކުދިންނާއި 1،539 އަންހެން ކުދިންނެވެ.

މިދިޔަ މަހުގެ ތަފްސީލަށް ބަލާއިރު، 18-64 އަހަރާ ދެމެދުގެ ކެޓަގަރީގައި 7،697 މީހުން ހިމެނެ އެވެ. އަދި 18 އަހަރުން ދަށުގެ 5،160 ކުދިން ވަނީ ރަޖިސްޓްރީވެފަ އެވެ.