އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ މަރުވީ އެންސްޕާ އިން ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ހޭދަވެގެން ކަމަށް އާއިލާ އިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ. 

އާއިލާ އިން ފޭސްބުކްގައި ލިއެފައިވާ ގޮތުގައި، ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށެވެ. އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވި އިރު ވެސް ނުލިބުނު ކަމަށް އެ ޕޯސްޓުގައި ވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުއްޖަކު މަރުވި މައްސަލަ އެ މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. 

އެސްޓީއޯ އިން ބުނި ގޮތުގައި، އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ އިންޓާނަލީ އަންނަނީ ބަލަމުންނެވެ.

އެންސްޕާ އިން ބުނީ އަޒާނަށް ބޭނުންވާ ކާންދޭ ހޮޅި ފަހުން ފޯރުކޮށްދިން ކަމަށެވެ. އެކަމަކު ލަސްވި ކަމަށް ބުނާ މައްސަލާގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ. 

އަޒާންގެ މަރު، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.

އާއިލާ އިން ބުނީ ހޮޅިކޮޅު ފޯރުކޮށްދިން އިރު އެ ލެއްވޭވަރަށް ވުރެ ކުއްޖާގެ ހާލު އޭރު މާބޮޑަށް ސީރިއަސްވީ ކަމަށެވެ. ހޮޅިކޮޅު ލިބުނީ ވެސް އައިޖީއެމްއެޗުގައި އެޑްމިޓްކުރި ދުވަހު ކަމަށް ވެ އެވެ. 

އެނގިފައިވާ ގޮތުގައި އުފަންވީއްސުރެ ފަރުވާދެމުން އަންނަ އަޒާން މި ފަހުން ހާލު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނޭވާއަށް އުނދަގޫވުން ފަދަ މައްސަލަތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފެށިއިރު ހޮޅިކޮޅު ލެއްވޭ ވަރަށް ވުރެ އޭނާގެ ހާލު ސީރިއަސް ކަމަށް އާއިލާ އިން ބުންޏެވެ. 

އަޒާންގެ މަންމަ، އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ދަރިފުޅަށް ކާން ދޭން ބޭނުންކުރާ ޕީއީޖީ ދެ ޓިއުބަށް އެދުނީ މިދިޔަ އޮގަސްޓް މަހު އެވެ. އެ ނުލިބި ލަސްވެގެން އެތައް ފަހަރަކު އެސްޓީއޯ އަށް ގުޅި ކަމަށާއި ހުޅުމާލޭގައި ހުންނަ ފާމަސީ އަށް ވެސް ދިޔަ ކަމަށެވެ.

"މިހާރުން މިހާރަށް ދަރިފުޅުގެ ޕީއީޖީ ޓިއުބު ބަދަލުކުރަންޖެހޭ އެކަމަކު އިތުރު އެއްޗެއް ނެތް،" އެ ދުވަހުގެ ޕޯސްޓުގައިވެ އެވެ.

"މި ހުރީ ގޮތް ހުސްވެފައި. އެއީ އެހެން ފާމަސީތަކުން މި ގޮތަށް ގަންނަން ލިބޭ އެއްޗެއް ނޫން."

އޭނާ ބުނެފައި ވަނީ ޓިއުބަށް އޯޑަރު ނުކޮށް ލަސްވަނީ އެންސްޕާއިން އެޕްރޫވް ނުކުރާތީ ކަމަށް، އެ ސްޓޭޓަސް ލިޔުނު ދުވަހު އެސްޓީއޯއިން ބުނި ކަމަށެވެ. ނަމަވެސް ފޭސްބުކްގައި އެ ޕޯސްޓު ޖެހުމުގެ ކުރިން ވެސް ޓިއުބް ލިބުން ލަސްވާ ސަބަބު ހޯދަން އެސްޓީއޯގައި އެދިގެން ކުރި މަސައްކަތަށް ޖަވާބު ނުލިބުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"އެންސްޕާއަށް އެޕްރޫވް ނުކޮށްދެވެން ޖެހޭ ސަބަބަކީ ކޮބާ؟ މިއީ، މި ކުއްޖާގެ ކެއިންބުއިން އެތެރެވާ ހަމައެކަނި މަގު މި ވަގުތު،" އޭނާ ފޭސްބުކްގައި ލިއެފައިވެ އެވެ.

ކަން ހިނގާފައިވާ ގޮތް އެސްޓީއޯއިން ބަލަމުން އަންނާތީ، މިކަމުގައި އަދި އިތުރު ކޮމެންޓެއް އެ ކުންފުނިން ނުދެ އެވެ.

އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް އަޒާން މަރުވީ އިއްޔެ މެންދުރެއްހާ އިރެވެ. ޖަނާޒާ ބޭއްވީ ރޭގެ އިޝާނަމާދަށް ފަހު އެވެ.