ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމުގައި ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތަށް ރިއާޔަތްކުރަން ޖެހޭ ކަމަށާއި ހާއްސަ ހިދުމަތްތަކާއި ފަރުވާތައް ވެސް ހަމައެކަނި މާލެ އިން ލިބޭ ގޮތަށް ނިޒާމް ބައްޓަންވެފައި އޮވެގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ. 

ދުވަސް ނުފުރާ ވިހާ ކުދިންގެ ސިއްހީ ފަރުވާއާ ގުޅޭގޮތުން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް އެ ކުއްޖަކު އުފަންވި ތަނަކަށް ބެލުމެއް ނެތި، އެކަށީގެންވާ ވަގުތުގައި ރަނގަޅު ފަރުވާ ދޭންޖެހޭ ކަމަށެވެ. 

އެ ކުއްޖެއްގެ ހަޔާތުގެ ފުރަތަމަ ގަޑިއިރުތަކުގައި ދޭ ފަރުވާއަކީ ހަމައެކަނި ދިރިހުރުމަށް އެހީތެރިވެދޭ ކަމެއް ނޫން ކަމަށާއި އެއީ ކުރިއަށް އޮތް އަހަރުތަކުގައި އެ ކުއްޖާގެ ސިއްހަތާއި ހެދިބޮޑުވުން އަދި ދިރިއުޅުމުގެ ފެންވަރަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، އަލަށް އުފަންވާ ކުދިންނަށް ދޭ ފަރުވާ ވަރުގަދަކުރުމަކީ ހަމައެކަނި ކްލިނިކަލް ހިދުމަތެއް ވަރުގަދަކުރުން ނޫން ކަމަށާއި އެއީ ދަރިންގެ މުސްތަގުބަލާއި ދުޅަހެޔޮ ޖީލަކަށް ކުރާ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.  

ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން--- ފޮޓޯ/ރައީސް އޮފީސް
ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން--- ފޮޓޯ/ރައީސް އޮފީސް

"އެކަމަކު، ރާއްޖޭގައި އަލަށް އުފަންވާ ކުދިންނަށް ދޭ ފަރުވާ ވަރުގަދަކުރުމުގައި މި ގައުމުގެ ޖޯގްރަފީގެ ހާއްސަ ސިފަތަކަށް ރިއާޔަތްކުރަންޖެހޭ. ރާއްޖެ މި އޮތީ އެކި ރަށްރަށަށް ބެހިފައި. އަދި ހާއްސަ ހިދުމަތްތަކާއި ފަންނީ ގާބިލުކަން ހަމައެކަނި ވެރިރަށަށް މަރުކަޒުވެފައި އޮވެގެން ނުވާނެ،" މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ. 

"މިކަމަށްޓަކައި މާލެއިން ބޭރުން ނިއޯނޭޓަލް ފަރުވާ އިތުރުކޮށް، ސަރަހައްދީ އަދި އަތޮޅުގެ ސިއްހީ މަރުކަޒުތަކުގެ ގާބިލުކަން ވަރުގަދަކުރަންޖެހޭ. އޭގެ މާނައަކީ ކޮންމެ މަރުކަޒަކުން އެންމެ އުނދަގޫ ނޫނީ ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމެއް ނޫން. އޭގެ ބަދަލުގައި، މި ބޭނުންވަނީ އެ ލެވެލްއެއްގެ ސިއްހީ ހިދުމަތް ދޭ ތަނަކުން، އެ ލެވެލްގެ ފަރުވާ އަވަހަށް އަދި ފަސޭހައިން ލިބޭނެގޮތަށް ގުޅިފައިވާ ގައުމީ ނިޒާމެއް."

ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ، "ނިއޯކެއާ ނިއުސްލެޓާ" ލޯންޗުކޮށްދެއްވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު ގީލާ އަދި އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް މަޑުކޮށްލައްވައިގެން--- ފޮޓޯ/ރައީސް އޮފީސް
ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ، "ނިއޯކެއާ ނިއުސްލެޓާ" ލޯންޗުކޮށްދެއްވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު ގީލާ އަދި އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް މަޑުކޮށްލައްވައިގެން--- ފޮޓޯ/ރައީސް އޮފީސް

ގީލާ ވިދާޅުވީ އެކަން ހާސިލުކުރުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަރަހައްދީ މަރުކަޒުތަކުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި ތަމްރީނު ދިނުމަކީ އެއްފަހަރު ކުރެވޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. 

ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމަށް ޓާޝަރީ ހޮސްޕިޓަލްތަކުގެ ހާއްސަ ޓީމުތަކާއި ސަރަހައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކުގެ ސިއްހީ ހިދުމަތްތެރިންގެ ގުޅުން ވަރުގަދަކުރަންޖެހޭ ކަމަށާއި އެ ދުރުމިނުން އަރައިގަންނަން ޓެކްނޮލޮޖީގެ ފުރުސަތުތައް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދުވަސްނުފުރާ އުފަންވާ ކުދިންނާއި ނުރައްކާތެރި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ފަރުވާ ދިނުަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމަކީ ފަރުވާ ނިމުމެއް ނޫން ކަމަށާއި އެ ކުދިންގެ ހެދިބޮޑުވުމާއި ކާނާ  އަދި ސިއްހީ ހާލަތު މޮނީޓާކޮށް އެކަށީގެންވާ ހިދުމަތްތައް ވަގުތުން ލިބޭނެގޮތަށް ވަރުގަދަ ފޮލޯއަޕް ނިޒާމުތަކެއް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، އެކި ލެވެލްގެ ހޮސްޕިޓަލުތަކުން، ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ރިފަރަލް އަދި ފޮލޯއަޕް ނިޒާމް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބާއްވާ އެ ކޮންފަރެންސްގައި ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 19 މަރުކަޒަކުން 50 މީހުން ބައިވެރިވެ އެވެ.