ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދޭ ފަރުވާ ވަރުގަދަކުރަން ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމާއި އެކަމުގެ ފަންނީ ކުރިއެރުމަށް ކުރާ ހޭދަ އިތުރުކުރަން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
ދުވަސް ނުފުރާ ވިހާ ކުދިންގެ ފަރުވާއާ ގުޅޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވީ ޓެކްނޮލޮޖީގެ އެހީއަށް އެކަނި ބަރޯސާވެގެން މީހުންގެ ފުރާނަ ސަލާމަތް ނުވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އެ ސިސްޓަމް ބޭނުން ކުރާނެ މީހުން ބިނާކުރުމަށް އިންވެސްޓުކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މެޝިނަކަށް މީހެއްގެ ހިތުގެ ހިނގުން ބެލުނަސް، އެ ހިތުގެ ހިނގުމުން އަންގައިދެނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނުވެފައިވާ ސިއްހީ ހިދުމަތްތެރިއަކަށް ކަން ފަސްޓްލޭޑީ ފާހަގަ ކުރެއްވި އެވެ. އެގޮތަށް، ޒަމާނީ ނިއޯނޭޓަލް ޔުނިޓުން ހިދުމަތް ފޯރުކޮށްދެވުނަސް އޭގެ އެންމެ ރަނގަޅު ބޭނުން ހިފޭނީ ހުނަރުވެރިކަމާއި ރަނގަޅު ނިންމުންތައް ނިންމޭ އަދި އަޅާލުމާއެކު ދެވޭ ހިދުމަތުން ކަމަށް މީރުމާ ހޯލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކޮންމެ ހާލަތެއްގައި އުފަންވާ ކުދިންނަށް އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭ ކަމަށެވެ.
ރަނގަޅު ސިއްހަތެއްގައި ހުރި ކުއްޖަކު އުފަންވުމަކީ އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު ކަމަށް ވާއިރު، ދުވަސް ނުފުރާ ވިހާ ކުއްޖަކާއެކު އެ ހާލަތު ބަދަލުވާ ކަމަށް ފަސްޓްލޭޑީ ވިދާޅުވި އެވެ. އަދި މަންމައެއްގެ އޯގާތެރި ކުލުނުގެ ބަދަލުގައި އެ ކުއްޖަކަށް އިވޭނީ އެންއައިސީޔޫގެ މެޝިންތަކުގެ އަޑު ކަމަށާއި އެ ހާލަތުގައި ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަން ބޮޑަށް ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގެންދާ އެ ކޮންފަރެންސްގައި ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 19 މަރުކަޒަކުން 50 މީހުން ބައިވެރިވެ އެވެ.
އެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ދުވަސް ނުފުރާ ވިހާ ކުދިންނަށް އައިޖީއެމްއެޗްގައި ދޭ ފަރުވާ އެތައް ގޮތަކުން ހަރުދަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން، އެފަދަ ކުދިންނަށް ހާއްސަކޮށްގެން ލޮލުގެ ފަރުވާ ފެށުމަކީ މުހިއްމު ބަދަލެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.