ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތު، އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާން، އިބްރާހިމް ވަހީދުގެ މައްޗަށް ކުރައްވައިފި އެވެ.
ސީސީޓީވީ ފުޓޭޖާ އެކު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު ވަހީދާއި އަކްރަމް ވަނީ އޭނާގެ އަންހެނުންނާއި 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައި ކަމަށެވެ.
ފަހުން އެ ވީޑިއޯ ވަނީ ކާކުކަން ނޭނގޭ އެކައުންޓަކުން ޕޯސްޓުކޮށްފައި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި ޑިމޮކްރަސީ އާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ހެދިގެން އެ މީހުން ހިންގަނީ މުޑުދާރު އަމަލުތަކެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރާ ޕާޓީއެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވި އެވެ.
އިހުސާން އާންމުކުރެއްވި ސީސީޓީވީ ފޫޓޭޖުގައި ފެންނަނީ އިބްރާހިމް ވަހީދު މަގުމަތީގައި ހުއްޓައި، އޭނާ ކައިރީގައި ސައިކަލެއްގެ މަތީގައި އިތުރު މީހަކު ހުއްޓާ އެވެ. އަދި އިރުކޮޅަކުން އެތަނަށް އަކްރަމް އަންނަ ތަން ފެންނައިރު އެމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވުމަށް ފަހު، ވަހީދު އޭނާގެ ޖީބުން ފޯނު ނަގަ އެވެ. އެކަމަކު ފަހުން އަކްރަމްގެ ފޯނު ދިނުމުން އެ ފޯނުން ވީޑިއޯއެއް ކުރާ ތަން ފެނެ އެވެ.
އެކަމަކު ފޫޓޭޖުގައި އެމީހުން ވީޑިއޯ ކުރަނީ ކޮންތަނެއް ކަމެއް ނޭނގެ އެވެ.
ކާކުކަން ނޭނގޭ އެކައުންޓެއްގައި އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ޕޯސްޓުކޮށް ބުނެފައިވަނީ މިނިސްޓަރުގެ އާއިލާ ބޭރުގައި އުޅެނީ ބޮޑީގާޑުންނާ އެކު ކަމަށެވެ. އެހެންވެ، އެކަމަށް ފާޑުކިޔާފައިވެ އެވެ.