މާލޭގެ މައި މަގު ކަމަށްވާ މަޖިދީގަމުގައި އެންމެ ކާރޫބާރޫ ބޮޑު ގަޑީގައި މުޒާހަރާ ކުރަން އިދިކޮޅު އެމްޑީޕީއަށް ހުއްދަ ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާން ވިދާޅުވީ ގާނޫނުއަސާސީން އާންމުންނާއި ސިޔާސީ މީހުންނަށް ކަށަވަރުކޮށްދޭ ހައްގުތައް ފުޅާ ދާއިރާއެއްގައި ދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވިޔަސް، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު ބަންދުކޮށްގެން ހަރަކާތެއް ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށެވެ.

އިހުސާން ވިދާޅުވީ މަޖިދީމަގު ބްލޮކްކޮށް، ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތު ދޭއިރު، އާންމު ގޮތެއްގައި އެއީ ކޮން ގަޑިއެއްގައި އަދި ކޮން ދުވަހަކު ބާއްވާ ހަރަކާތެއްތޯ ބަލައި، އެއީ ހުއްދަ ދެވޭ ފަދަ ވަގުތެއްނަމަ، އަދި އެ މަގު ބަންދުކޮށްގެން މާލޭގެ އެހެން ތަންތަނުގެ ޓްރެފިކަށް ވަރަށް ބޮޑަށް އަސަރު ނުކުރާ ނަމަ، އެ ފުރުސަތު މީގެ ކުރިން ވެސް ދީފައިވާ ކަމަށެވެ. 

ނަމަވެސް މިފަހަރު އެމްޑީޕީން މަޖީދީމަގުގައި މުޒާހަރާ ބާއްވަން އެދިފައިވާ ރޭގަނޑުގެ ވަގުތަކީ ކާރޫބާރު ބޮޑު ވަގުތެއް ކަމަށްވާތީ އެ ހުއްދަ ދެވެން ނެތް ކަމަށް އިހުސާން ވިދާޅުވި އެވެ. 

"މިހާރު އެދިވަޑައިގެންފައިވާ ވަގުތަކީ ރޭގަނޑުގެ ވަގުތަކަށް ވާތީވެ، އާންމު ގޮތެއްގައި ކާރޫބާރޫ ވަރަށް ބޮޑުކޮށް އޮންނަ ވަގުތަކަށް ވާތީ އެ ގަޑީގައި އެތަނަށް [މަޖީދީމަގަށް] ނުދެވެނީ،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި މުޒާހަރާއެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. އަދި އެ މުޒާހަރާގެ ތައްޔާރީތަކާ ގުޅޭގޮތުން ފުލުހުންނާއި އެމްޑީޕީން ބައްދަލު ކުރުމަށްފަހު މަޖީދީމަގުގައި މުޒާހަރާ ބާއްވަން ހުއްދަ ދިނުމަށް އެދިފައިވެ އެވެ.

އެ މުޒާހަރާ ބޮޑުތަކުރުފާނު މަގުގައި ބާއްވަން ފުލުހުން ބުނި ނަމަވެސް، އެމްޑީޕީން ބުނަނީ އެ މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށާއި އޭގެ ބަދަލުގައި މަޖީދީމަގުގައި މުޒާހަރާ ބާއްވައިފިނަމަ އެ ޝުއޫރުތައް އާންމުންނާ ހަމައަށް އިވޭނެ ކަމަށެވެ.

މަޖީދީމަގުގައި މުޒާހަރާ ބާއްވަން ހުއްދައަށް އެދުނީ ވީހާ ވެސް ގިނަ ބަޔަކަށް މި ކަންބޮޑުވުންތައް އަޑުއިއްވުމަށް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް ބުނެ އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މާލޭގައި ބާއްވާ އެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބޭނާ ވެސް ދަމައިފަ އެވެ. އަދި އެމްޑީޕީން ރާވާފައި ވަނީ އެ މުޒާހަރާ ސޯޝަލް ސެންޓަރު ސަރަހައްދުން ފަށައިގެން މަޖީދީމަގުން ކުރިއަށް ގެންދިއުމަށެވެ.

އެއްވެ އުޅުމާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުރުން މާލޭގެ އިތުރު ތިން ތަނެއްގައި ފުލުހުންގެ ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ. ނަމަވެސް އެ ނޫން އިތުރު ތަނެއްގައި މުޒާހަރާއެއް ބާއްވާނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ. 

ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅާފައި އޮތަސް، އެ ހުއްދަ ނެތި މިދިޔަ އަހަރުތަކުގައި މާލޭގެ އެކިއެކި ތަންތަނުގައި މުޒާހަރާތައް ބާއްވާފައިވެ އެވެ.