ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބާއްވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދަން ފުލުހުންގެ ހުއްދައަށް އެ ޕާޓީން މިއަދު އެދިއްޖެ އެވެ.
"ދަތިވެއްޖެ" ނަމުގައި ބާއްވާ އެ މުޒާހަރާގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ހެނދުނު ވަނީ ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު، އިސްކަންދަރު ކޮށީ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ އެ ޕާޓީން ބާއްވާ މުޒާހަރާ ކުރިއަށް ގެންދާނެ މަގަކާ ގުޅޭ ގޮތުން ފުލުހުންނާއި މަޝްވަރާކޮށް، މަޖީދީ މަގުން މުޒާހަރާ ކުރިއަށް ގެންދަން ހުށަހެޅުއްވި ކަމަށެވެ.
ވެރިންނާ މަޝްވަރާކުރުމަށް ފަހު، އެކަމަށް ޖަވާބެއް ދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި މި ފަހަރު އެ ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާހަކައަކީ އިތުރު އެހެން މަގެއް ނެތޭ، އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ. އެއީ އަޅުގަނޑުމެންނަށް ގާނޫނުން ދީފައިވާ ހުއްދައިގެ ދަށުން އިހުތިޖާޖު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ. ހަމަ ސުލްހަވެރިކަމާ އެކީގައި ޝުއޫރު ފާޅުކުރުން އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން އެންމެ ފަހުން މާލޭގައި ބޭއްވި ދެ އެއްވުމުގައި ވެސް މަޖީދީ މަގުގައި އިހުތިޖާޖު ކުރިއަށް ގެންދިޔަނުދީ ފުލުހުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް ބުނެ އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މާލޭގައި ބާއްވާ މި މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބޭނާ ވެސް ދަމައިފަ އެވެ. އެމްޑީޕީން ރާވާފައި ވަނީ އެ މުޒާހަރާ ސޯޝަލް ސެންޓަރު ސަރަހައްދުން ފަށައި މަޖީދީ މަގުން ކުރިއަށް ގެންދިއުމަށެވެ.
ހޯމް މިނިސްޓްރީން އެއްވެ އުޅުމާބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުރުން މާލޭގެ އިތުރު ތިން ތަނެއްގައި ފުލުހުންގެ ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ. އެ ނޫން އިތުރު ތަނެއްގައި މުޒާހަރާއެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.
ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަފައި އޮތަސް، އެ ހުއްދަ ނެތި މިދިޔަ އަހަރުތަކުގައި މާލޭގެ އެކިއެކި ތަންތަނުގައި މުޒާހަރާތައް ބާއްވާފައިވެ އެވެ.