އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު ކުރަމުންދާ އިހުތިޖާޖު، ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންދެން ހުއްޓާ ނުލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން މިހާރު ފަށާފައިވާ އިހުތިޖާޖުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ، އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް ހަނގުރާމައިގެ ކަޅުވިލާގަނޑެއްގެ ދަށުގައި އޮތް އިރު، ރައްޔިތުން އާންމު ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަމަށެވެ.
ތަކެތީގެ އަގު އުފުލި، ޑޮލަރުގެ އަގު ބޮޑުވެ، ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދާ މަންޒަރު ފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖެ މި އޮތީ ނާޒުކު ފައްތަރެއްގައި. މި ހާލަތުން އަޅުގަނޑުމެން އަރައިގަތުން އެއީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ފަށައިގެން އުޅެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތީ ބަލަން މި މަހުގެ ކުރީކޮޅު ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ބަލިވެފައިވާތީ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ބުނެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގާތަށް ސިޔާސީ ލީޑަރުން ގިނަގައިން އަންނަން ބޭނުންވާކަން ސާފެވެ.
އެހެންކަމުން، އެ ފަދަ ބަދަލުތައް ގެނައުމަށް، ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް ހުރިހާ ރައްޔިތުން ވެސް މިހާރު ގަބޫލުކުރާއިރު، އެކަމަށް ޖާގަ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ އަށް ވަޑައިގަތުމަށް ނަޝީދު އަނެއްކާވެސް ގޮވާލެއްވި އެވެ.
"މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތް ކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން، ރައީސް މުއިއްޒު އާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އަޅުގަނޑުމެން މިކަމުގައި ދެމި ތިބޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އަސާސީ ހައްގުތައް ލިބިދޭ ގޮތަށް ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަމުންދާތާ 18 އަހަރު ފަހުން ވެސް ރައްޔިތުންގެ އުއްމީދުތައް ހާސިލެއް ނުވެ އެވެ.
މިގޮތުން، ސަރުކާރުގެ ތެރޭގައި ހިނގަމުންދާ އިސްރާފާއި ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުން ފަދަ ނޭދެވޭ ކަންތައްތަކަށް ޖާގަ ލިބެނީ ގާނޫނުއަސާސީގެ ދަށުން ވެރިކަން ހިންގުމުގެ އޮނިގަނޑު މިހާރު އޮތް ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން، ރާއްޖޭގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާން ޖެހޭ ކަމަށް ގަބޫލުނުކުރާ ރައްޔިތަކު ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެ އިޝާރާތް ކުރެއްވީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވެރިކަމަށް ގެނެސް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ނަޝީދާއި ފައްޔާޒް ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު"ތަކަށެވެ.
"ބޮޑު ބަދަލު" ގެ ނަމުގައި އެ ދެ ބޭފުޅުން ހުށަހަޅުއްވާފައިވާ ގޮތުން، އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެކެވެ.
ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ތަކުރާރުކޮށް ނަޝީދު ގޮވާލައްވަމުންދާއިރު، އެއީ ރައްޔިތުން ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފުކަމެއް ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފަ އެވެ.