ސަރުކާރުން މިހާރުން މިހާރަށް ކަންކަން އިސްލާހު ކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ގަރާރެއް ފާސްކޮށްފި އެވެ.
އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި ގަރާރުގައި 10 ކަމެއް އިސްލާހު ކުރަން ސަރުކާރަށް ހުށަހެޅި އެވެ. އެއީ
- މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އަލުން ދޫކޮށްލުން.
- ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ރާވާފައިވާ ކަންކަން އިސްލާހުކުރުން.
- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވޯޓު ދެއްވާ ގޮތަކުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކުން އަޅާ ފިޔަވަޅަކުން މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލު ބާތިލްކުރުން.
- ލޯކަލް ކައުންސިލްތައް މާލީ ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނުތައް އަލުން އިސްލާހުކުރުން.
- ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން.
- ސަރުކާރުގެ ސިޔާސީ މަގާމުގެ އަދަދު ހާމަކުރުން. އޭގެ ތެރޭގައި މިދިޔަ ހަ މަސް ދުވަހު ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ޕްރޮމޯޝަންގެ އަދަދާއި އެ މީހުންގެ ތަފުސީލް ހާމަކުރުން.
- މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތި ދަނޑިވަޅާ ދިމާކޮށް މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުން.
- ޖޭއެސްސީ އިސްލާހުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
- އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ރައީސުންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް، ގާބިލް ބޭފުޅުން އެ މަގާމުތައް އިސްކުރުން.
- ދައުަލަތުގެ ހަރަދު ކުޑަކޮށް، އިގުތިސާދީ ހާއްސަ ހާލަތާ ގުޅޭ އިސްލާހުތައް ހާމަކުރުން.
- ގާނޫނުއަސާސީ އިސްލާހު ކުރާއިރު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަޝްވަރާގެ މަތިން ނޫނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުން.
- ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓާލުން އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ބާރު އީޕީއޭ އަލުން ދިނުން.
"މި ކަންކަން އިސްލާހު ކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ފެށުމަށް މި ޕާޓީން ނިންމި ވާހަކަ ހާމަކުރަން،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި އެ ނިންމުންތައް ނިންމީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުންނެވެ.