ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު މައިމޫން މުހައްމަދު ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މައިމޫން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަދި މަގު ބަންދުކުރަން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، އެ ސަރަހައްދަށް ވަން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސްކަން ވެސް ކުރާ މައިމޫން ހައްޔަރުކުރީ އެ ޕާޓީން ރޭ ބޭއްވި ސިލްސިލާ މުޒާހަރާ ނިމުނު ފަހުންނެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. 

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާއި ބޭންކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް އިތުރުކުރުމާ ދެކޮޅަށް އެމްޑީޕީން މިހާރު ވަނީ ސިލްސިލާ މުޒާހަރާއެއް ފަށައިފަ އެވެ.