"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި މިރޭ އެމްޑީޕީން މުޅި ރާއްޖޭގައި ކުރާ މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރާ މުޒާހަރާއެއް ނޫން ކަަމަށާއި އެއީ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ސުލްހަވެރިކަމާ އެކު، ބާއްވާ ހިނގާލުމެއް ކަމަށް އެމްޑީޕީގެ އާ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެެއްކަން ސަރުކާރާއި ފުލުހުންނަށް ވެސް އެނގެންޖެހޭ ކަމަށެވެ.

އެެއީ ހަމަނުޖެހުން ހިންގުމަށް ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ނުބެލުމަށް އިލްތިމާސް ކުރައްވައި ނަޝީދު ވަނީ މިރޭ މުޒާހަރާ ކުރިއަށް ގެންދާއިރު ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. 

"މިއީކީ ރަޔޮޓްސް އެސެމްބްލީއެއްގެ ގޮތުގައި އެއްގޮތަކަށް ވެސް ދެކެވަޑައިނުގަތުން އެއީ އަޅުގަނޑު ފުލުހުންގެ ކިބައިން ވެސް ވަރަށް ބޮޑަށް އެދޭނެ ކަމެއް. އެބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވާންވީ ކަމަކީ މި ހިނގާލުން ރީތިކޮށް އިންތިޒާމު ކޮށްދިނުމުގައި އެހީތެރިވެދިނުން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މުޒާހަރާއާ ގުޅުވާ އެހެން ގޮތްގޮތަށް ވެސް ބޭއަދަބީ ކަންކަން ނުކުރުމާއި ހަމަނުޖެހުން އުފެދޭ ގޮތްގޮތަށް އެހެން މީހުން ވެސް ކަންކަން ނުކުރުމަށް އެދިވަޑައިގެންފަ އެެވެ. އަދި މީގެ ކުރިން މަގުމަތީ ހަރަކާތްތައް ބޭއްްވުމުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ކަމަށާއި އެކަން އެ މީހުންގެ މޫނު މަތިން ވެސް ފެންނަން ހުންނަ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެމްޑީޕީން މަގުތަކަށް ނުކުތުމުން މިހާރު ރައްޔިތުން ތިބެނީ ހިނިތުންވެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މިރޭގެ އެއްވުމަށް ސަރުކާރުން ފުރުސަތު ނުދީފި ނަމަ އަމަލުކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި އެއްވެ އުޅުމުގެ ގާނޫނުގައި މައްސަލަތަކެއް ހުއްޓަސް އެ ގާނޫނުގައި ވެސް އެއްވުން މަނާ ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީން މުޒާހަރާ ކުރިއަށް ގެންދަން ރާވާފައި ވަނީ ރަސްފަންނުން ފެށިގެން މަޖީދީ މަގުން ހުރި ގޮތަށް ހެންވޭރު ކޮޅުން އާޓިފިޝަލް ބީޗަށް މުޒާހަރާ ނިންމާލާ ގޮތަށެވެ. ފުލުހުން، ޝީލްޑާއި ޕެޕާ ސްޕްރޭއާ އެކު ނިކުތުމުގެ ބަދަލުގައި ޓްރެފިކް ޕޮލިހުން ނިކުމެ މުޒާހަރާ ކުރިއަށް ގެންދިއުމުގައި އެހީވުމަށް ވެސް އެދިވަޑައިގަތެވެ. 

"ދެން އަޅުގަނޑު ފުލުހުންނަށް ވެސް އިލްތިމާސް ކުރަން މިއީކީ ސަރުކާރު ވައްޓާލަން ނިކުންނަނީއެއް ނޫން. މިއީ ސުލްހަވެރި ހިނގާލުމެއް، މުޒާހަރާއެއް، އަޑު އުފުލުމެއް. ގާނޫނުއަސާސީ އަޅުގަނޑުމެންނަށް ލިބިދޭ ހައްގެއް،" އެ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވި އެވެ. 

"ރަސްފަންނުން މަޖީދީ މަގުން އާޓީފިޝަލް ބީޗަށް ގޮސް އަޅުގަނޑުމެން މުޒާހަރާ ނިންމާލާނީ. އެހެންވީމަ މިއީކީ ސަރުކާރުން އެކަމާ އެއްގޮތަކަށް ވެސް އަޅާލަންޖެހޭ ކަމެއް ނޫން. އަދި ރަޔަޓް ޕޮލިސް ނެރި ޝީލްޑް ނެރި ޓިއާ ގޭސް ނެރި މި ބާވަތުގެ އެއްވެސް ކަމެއް ކުރަންޖެހޭ ކަމެއް ނޫން."