ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްފައިވާ ކަމަށާއި އެއީ އާންމުކޮށް ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ޕްރޮސީޖާ ކަމަށެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޝާހިދު ހައްޔަރުކުރި މައްސަލާގައި މިހާތަނަށް އެމްޑީޕީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޝާހިދު ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޝާހިދު ހައްޔަރުކުރީ މިދިޔަ ހަފިތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. އަދި އެ އެޕާޓްމެންޓުން ޝާހިދު ނެރެގެން ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ. އަދި އޭގެފަހުން ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދު އަށް ވަނީ ގެންގޮސްފަ އެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.