ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ދެންމެ ހައްޔަރުކޮށްފި އެވެ. 

ފުލުހުން މީޑިއާއަށް އެކަން ކަށަވަރު ކޮށްދެމުން ދެންމެ ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކަތަކެއް ނުދައްކައި ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ. 

ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމެންޓުން ޝާހިދު ނެރެގެން ފުލުހުންގެ ވެހިކަލްގައި ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށް މިހާރު ވަނީ ގެންގޮސްފަ އެވެ. 

ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.