ގުރޫޕަކުން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަން ފަށައި އެކަކު ހައްޔަރުކޮށްފި އެވެ. 

ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ. 

އިއްޔެ ފުލުހަށް ހުށަހެޅި މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި އެ ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.