ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޝާހިދުގެ އެ ހުށަހެޅުން ހައިކޯޓަށް ބަލައިގަނެ ރަޖިސްޓްރީކުރީ މިއަދު އެވެ.
މިދިޔަ ހޯމަދުވަހުގެ ރޭ ޝާހިދު ހައްޔަރުކުރުމަށް ފަހު ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ބަންދާ މެދު ގޮތެއް ނިންމަން އަންގާރަދުަވަހު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ޝާހިދު ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.
ޝާހިދު ހައްޔަރުކޮށް ތަހުގީގަށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު ޝާހިދުގެ ގެ ހ.ރަބީއީމަންޒިލަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަދެ ރޭ ފާސްކުރި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ތުހުމަތުތައް ދޮގުކޮށް އޭނާ ވަނީ ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި މިއީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެކެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެން،" އޭނާ ވިދާޅުވެފައިވެ އެވެ.
ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރެއްވި އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ. ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު ޝާހިދު މަސައްކަތް ކުރެއްވި އެވެ. އަދި އެ މަޖިލީހުގެ ރައީސްގެ މަގާމް ވެސް އޭނާ އަދާކުރެއްވި އެވެ.
މިފަހަކާ ޖެހެންދެން ޝާހިދު ހުންނެވީ އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެވެ.
ޝާހިދު އެމްޑީޕީއަށް ސޮއި ކުރެއްވީ އޭޕްރީލް، 2013، ގަ އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ، ރައީސް މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީގަ އެވެ.