ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ އަމުރު މިހާތަނަށް ކޯޓުން އާންމުކޮށްފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން އާންމު ގޮތެއްގައި 30 ދުވަސް ފަދަ ބަންދުގެ މުއްދަތެއް ދެނީ ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރަށް ފުލުހުން ކަންކަން ހުށަހަޅާފައިވާ ނަމަ އާއި މައްސަލައިގެ ބާވަތާއި އޭގެ ސީރިއަސް ކަމުގެ މައްޗަށް ބަލައިފަ އެވެ.
މިއީ، ޝަރީއަތް ނިމެންދެން ބަންދުކުރުން ނަގާފައި އެއް ފަހަރާ ބަންދަށް ޖެހޭ އެންމެ ދިގު މުއްދަތެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކަތަކެއް ނުދައްކައި ރޭ ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ.
ރޭ 9:51 ހާއިރު ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމެންޓުން ޝާހިދު ރޭ ނެރެގެން ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ. އޭގެ ފަހުން ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދު އަށް ގެންދިޔަ އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.