ކުޑަ އަންހެންކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "މިހާރު" އަށް މިރޭ ވިދާޅުވީ އައިމަން ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އައިމަންގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށައި ތަހުގީގު އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އައިމަންގެ ބަންދުގައި ބެހެއްޓުމުގައި ފުލުހުން އަމަލުކުރާނީ އެކަމާ މެދު ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އޭނާ 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.