އެމެރިކާ އިން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ހަމަލާ އަމާޒުވެފައިވާ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސް ކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާ ވެސް މަދުކުރުމަށާއި އެ ގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެ.
މެދުއިރުމަތީގެ ސަރަހައްދުގެ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފަ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު އީރާނުން ރައްދު ހަމަލާތައް މުޅި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ދަނީ ދެމުންނެވެ.
އީރާންގެ ހަމަލާއެއް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް އަމާޒުވެފައި ވާއިރު ކުވައިތަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އަދި ގަތަރުން ވެސް ދެ ހަމަލާއެއް އިންޓަސެޕްޓް ކޮށްފައިވެ އެވެ. އެ ގައުމުގައި މިހާރު ވެސް ފޯނުތަކަށް ދަނީ އިތުރު ހަމަލާތައް އަންނާތީ އެލާޓް ފޮނުވައި ރައްކާތެރިވެ ތިބުމަށް އަންގަމުންނެވެ. ބަހްރެއިނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާންގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބުނެފަ އެވެ.
ސައޫދީގެ ވެރިރަށް ރިޔާޟްގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ބުނީ އެ ތަނުން ވެސް ވަރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ. އެކަމަކު އެ ގޮވުމާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި ދުބާއީން ވެސް ވަނީ ގޮވުންތަކުގެ އަޑު އިވިފަ އެވެ. މީގެ އިތުރުން ޖޯޑަން އިން ވެސް ވަނީ އީރާންގެ ހަމަލާތަކެއް އިންޓަސެޕްޓު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ހަމަލާ އަމާޒުވެފައިވާ ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ވައިގެ ސަރަހައްދު ވެސް ބަންދުވެފަ އެވެ. އެހެންވެ، ދުނިޔޭގެ އެކި އެއާޕޯޓްތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ ތާށިވެފަ އެވެ.