އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު އީރާނުން ރައްދު ހަމަލާތައް ފަށައިފި އެވެ. 

އިޒްރޭލުން ވަނީ އީރާނުން މިސައިލް ލޯންޗްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ފޮނުވާލާފައި ވަނީ ކިތައް މިސައިލް ކަމެއް ނުބުނެ އެވެ. 

އީރާނުން މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނިތާ އިރުކޮޅެއް ފަހުން އިޒްރޭލުގެ އުތުރު ސަރަހައްދުން ގޮވުމެއްގެ އަޑު އިވިފައިވެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އީރާނުން އިތުރު މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އީރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް މިސައިލް އަދި ޑްރޯންތައް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. 

"އީރާނާ ދެކޮޅަށް މުޖުރިމު ދުޝްމަނުން ދިން ހަމަލާގެ ރައްދުގައި މިސައިލާއި ޑްރޯން ހަމަލާގެ ފުރަތަމަ ހަމަލާ، ފޭރިފައިވާ ބިންތަކަށް [އިޒްރޭލަށް] އަމާޒުކޮށް ވަނީ ފޮނުވާލާފައި،" އީރާންގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނުގައި ބުންޏެވެ. 

އީރާންގެ ހަމަލާއެއް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް އަމާޒުވެފައި ވާއިރު ކުވައިތަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އަދި ގަތަރުން ވެސް ދެ ހަމަލާއެއް އިންޓަސެޕްޓް ކޮށްފައިވެ އެވެ. އެ ގައުމުގައި މިހާރު ވެސް ފޯނުތަކަށް ދަނީ އިތުރު ހަމަލާތައް އަންނާތީ އެލާޓް ފޮނުވައި ރައްކާތެރިވެ ތިބުމަށް އަންގަމުންނެވެ. ބަހްރެއިނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާންގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބުނެފަ އެވެ. 

ޔޫއޭއީން ވަނީ އީރާންގެ ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އީރާންގެ ހަމަލާތަކަކީ ގައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި މިކަމުގެ ބަދަލު ހިފުމުގެ ހައްގު އޮންނާނެ ކަމަށް ޔޫއޭއީން ވަނީ ބުނެފަ އެވެ. 

ބަހްރެއިންގައި ހުންނަ އެމެރިކާގެ ނޭވީގެ ފަސް ވަނަ ފްލީޓްގެ މައި މަރުކަޒަށް އީރާންގެ ހަމަލާއެއް އަމާޒުވި ކަމަށް ބަހްރެއިނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ގަތަރުގެ ވެރިރަށް ދޯހާއިން ވެސް ވަނީ ގޮވުމެއްގެ އަޑު އިވިފަ އެވެ. ގަތަރުން ބުނީ އީރާންގެ އެތައް ހަމަލާއެއް ކާމިޔާބުކަމާ އެކު އިންޓަސެޕްޓުކޮށްފައިވާ ކަމަށެވެ. 

މި ހުރިހާ ގައުމަކީ ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކެވެ. 

ސައޫދީގެ ވެރިޔަށް ރިޔާޟްގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ބުނީ އެ ތަނުން ވެސް ވަރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ. އެކަމަކު އެ ގޮވުމާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި ދުބާއީން ވެސް ވަނީ ގޮވުންތަކުގެ އަޑު އިވިފަ އެވެ. މީގެ އިތުރުން ޖޯޑަން އިން ވެސް ވަނީ އީރާންގެ ހަމަލާތަކެއް އިންޓަސެޕްޓުކޮށްފައިވާ ކަމަށް ބުނެފަ އެވެ. 

ހަމަލާތަކާ ގުޅިގެން ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ. 

އީރާނުން ކުރިން ވެސް ވަނީ އެ ގައުމަށް ހަމަލާ ދީފި ނަމަ ސަރަހައްދީ ހަނގުރާމައަކަށް ވާނެ ކަމަށާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ކޮންމެ ތަނަކަށް ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް ބުނެފަ އެވެ.  

އީރާނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލު ކުއްލި ހާލަތަށް ގެނެސްފައި ވާއިރު މިހާރު ވަނީ އިޒްރޭލުގެ އުތުރު ސަރަހައްދުގައި ސައިރަން އަޅައި، އާންމުން ރައްކާތެރިކަން ހޯދަން އަންގައިފަ އެވެ. ބޮމާއި މިސައިލްގެ ހަމަލާތަކުން ސަލާމަތްވުމަށް ހަދާފައިވާ ބަންކަރުތަކަށް އާންމުން ވަންނަން އަންގާފައި ވާއިރު ސްކޫލްތަކާއި އޮފީސްތައް ވަނީ އިރު އޮއްސި 6:00 އާ ހަމައަށް ބަންދުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ މިސައިލަކުން އިޒްރޭލުގެ ނުވަ ބުރީގެ އިމާރާތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. ހަމަލާތަކުގައި ލިބޭ ގެއްލުމާ ބެހޭ މައުލޫމާތު ހާމަކުރުން އިޒްރޭލުގައި އޮންނަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.  

ހަމަލާތަކާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ މިއީ އީރާންގެ މިސައިލް ޕްރޮގްރާމާއި ކަނޑުގެ ސިފައިންގެ ބާރުތައް ނައްތާލުމަށް ދިން ހަމަލާތަކެއް ކަމަށެވެ. އެކަމަކު އީރާންގެ ވެރިން އުޅުއްވާ ހިސާބުތަކަށް ހަމަލާތައް އަމާޒުކޮށްފައި ވާތީ މިއީ އީރާންގެ ވެރިކަން ބަދަލުކުރުމުގެ ހަނގުރާމައެއް ކަމަށް ވަނީ ބެލެވިފަ އެވެ. 

އީރާނަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން ވަނީ  މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތައް ޖަމާކޮށް، މެދުއިރުމަތީގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމާތީ ކަންކަން ވަރުގަދަކޮށްފަ އެވެ. މީގެ އިތުރުން ޖެޓްތަކަށް ތެޔޮ އަޅާ އެއާކްރާފްޓްތައް އިއްޔެ ވަނީ އިޒްރޭލަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އިޒްރޭލުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އާއިލާތަކުގެ މީހުން އިޒްރޭލުން ފޭބުމަށް ލަފާ ދީފައިވެ އެވެ. 

މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައި ވާއިރު އީރާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައްވި އެވެ. އަދި އީރާންގެ ހަމަލާތަކުގައި އިޒްރޭލުން ވެސް މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.