އީރާނަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާ އާއި އިޒްރޭލުން އެ ގައުމުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށް ވިދާޅުވެ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ތުރުކީގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގައި އިއްޔެ ތަގުރީރު ކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާ އާއި ޒަޔަނިސްޓް ދައުލަތުން އީރާނާ ދެކޮޅަށް ހިންގަމުންދާ ގާނޫނާ ހިލާފު އުދުވާންތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ވިހަ ގޭސްތައް ޖައްވަށް ބޭރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ދެކުނުގައި އޮންނަ ބޮޑު ގޭސް ފީލްޑެއްގެ ތެޔޮ ރައްކާކުރާ ތަންތަނަށް ދިން ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 500،000 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވަނީ ޖައްވަށް ބޭރުވެފަ އެވެ.

"ތެހެރާން ކައިރީގައި ހުރި ތެޔޮ ވަޅުތަކަށް ގަސްތުގައި ދިން ހަމަލާތަކުގެ ސަބަބުން އިތުރު އެއް މިލިއަން ޓަނުގެ ކާބަން ޑައިއޮކްސައިޑް ވަނީ ބޭރުވެފައި،" ޕެޒެޝްކިއަން ވިދާޅުވި އެވެ. އަދި މި އަމަލުތަކަށް އެމެރިކާ އާއި އިޒްރޭލު ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ގާއިމުކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ޕެޒެޝްކިއަން ދެއްކެވި މި ތަފާސްހިސާބުތަކުގެ ސައްހަކަން މިނިވަން ފަރާތަކުން ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ގަލްފުގެ ގައުމުތަކުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ތެޔޮ ލީކުވެފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި ތަޣައްޔަރުވުމުގެ ސަބަބަކީ އީރާނުގެ ފޮރިން މިނިސްޓްރީން މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކެވެ. ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ދެ ފަރާތުން ކުރަމުންދާ މަސައްކަތުގައި، އީރާނާއި އެމެރިކާއިން ވެސް އަންނަނީ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ޕެޒެޝްކިއަން ތުރުކީގެ އަންޓާލިއާއަށް ވަޑައިގަތީ އިއްޔެ އެވެ. އީރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ އިރްނާއިން ބުނި ގޮތުގައި، މި ދަތުރުގައި އޭނާ ވަނީ މަހާސިންތާގައި ބައިވެރިވާ އެކި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވައިފަ އެވެ.

މެދުއިރުމަތީގެ މި ހަނގުރާމަ ފެށުނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގެ އެކި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފަ އެވެ. އަދި ލުބުނާނާއި ޔަމަނާއި އިރާގުގައި އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. -- އޭއެފްޕީ