މެދުއީރުމަތީގެ "ސަރަހައްދީ ފުލުހެއްގެ" ގޮތުގައި އެމެރިކާ ބޭނުންނުވާ ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން އިއްޔެ ވިދާޅުވެއްޖެ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދަން އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހިނގަމުން ދަނިކޮށް އިންޑިއާގައި ބޭއްވި ބްރިކްސް ސަމިޓުގެ ހަވާސާގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕެޒެޝްކިއަން ވިދާޅުވީ "އަޅުގަނޑުމެންނަށް ސަރަހައްދީ ފުލުހެއް ބޭނުމެއް ނޫން" ކަމަށެވެ.
"މި ސަރަހައްދުގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި މި ސަރަހައްދުގެ މުހިންމު ބައިވެރިންނަށާއި، މި ސަރަހައްދުގައި ހިމެނޭ ގައުމުތަކަށް،" ޕެޒެޝްކިއަން ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ހަނގުރާމަ ހުއްޓުމަކަށް ނާދެ އެވެ. އީރާނުން ވަނީ އެ ގައުމަށް ދިން ހަަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން މުޅި ސަރަހައްދަށް ހަމަލާތައް ދީ، މީގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރި ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އޭގެ ފަހުން އީރާނާއި އެމެރިކާއިން ދަނީ އެ މުހިންމު ކަނޑުގެ ކޮންޓްރޯލް ހޯދުމަށް އަސްކަރީ ބާރުވެރިކަން ބޭނުންކުރަމުންނެވެ. ހަނގުރާމައިގެ ކުރިން މި ކަނޑުއޮޅިން މިނިވަންކަމާ އެކު ދަތުރުކުރެވުނަސް، މިހާރު އީރާނުން ވަނީ އުޅަނދުފަހަރަށް ހުއްދަ ހޯދުން މަޖުބޫރުކޮށްފަ އެވެ. އަދި ހިދުމަތުގެ ފީ ނެގުމުގެ ނިޒާމެއް ގާއިމުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
އީރާނުގެ ކޮންޓްރޯލަށް ގޮންޖެހުމުގެ ގޮތުން އެމެރިކާއިން އީރާނުގެ އައްސޭރިފަށަށް ހަމަލާ ދިނުން އާންމު ކަމަކަށް ހަދާފައި ވާއިރު، އީރާނުގެ އެންގުމަށް ނުކިޔަމަންތެރިވާ އުޅަނދުފަހަރަށް އީރާނުން ދަނީ ހަމަލާތައް ދެމުންނެވެ.
މެދުއީރުމަތީގެ ހަނގުރާމައަށް ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އަދި މި ހަފުތާގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންނަށް އެތައް ބޭއިންސާފެއް ލިބުނު ކަމުގައި ވިޔަސް، އަޅުގަނޑުމެން އެދެނީ ހަނގުރާމައަކަށް ނޫން، އަދި ހަނގުރާމަ ކުރިއަށް ގެންދާކަށްވެސް ނޫން. އަޅުގަނޑުމެން އިސްކަން ދެނީ ސުލްހައަށް،" ޕެޒެޝްކިއަން ވިދާޅުވި އެވެ. -- އޭއެފްޕީ