އެމެރިކާ އާއި އީރާނާ ދެމެދު މަސް ދުވަސް ފަހުން އަލުން ހަމަލާތައް ބަދަލުކުރަން ފެށިފައި ވަނިކޮށް، އިތުރު ހަނގުރާމައެއް ކުރިއަށް ގެންދިއުމަކީ އީރާނަށް ފައިދާހުރި ކަމެއް ނޫން ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

ހޮރްމުޒް ކަނޑުއޮޅީގައިވާ ރަށަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިންގެ އަމާޒުތަކަށް ހަމަލާ ދީފަ އެވެ. މިކަމުގެ ސަބަބުން ބޮޑު ހަނގުރާމައެއް އަލުން ފެށިދާނެކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފަ އެވެ.

ހަނގުރާމައަށް ހަ މަސްވެގެން ދިޔައިރު ވެސް ދެ ގައުމުގެ މެދުގައި ވަނީ އެއްވެސް ހައްލެއް ނުލިބި މައްސަލަ އިތުރަށް ގޯސްވެފަ އެވެ. ސްޓްރެޓީޖިކް  ގޮތުން މުހިންމު ހޯރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާއިރު، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ކަނޑުމަގުން ހިސާރުކުުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

އާދީއްތަ ދުވަހު އެމެރިކާއިން ބުނެފައިވާ ގޮތުގައި، ކަނޑުދަތުރުފަތުރަށް މުހިންމު މަގަށް އީރާނުން މައިނު އެޅުން ހުއްޓުވުމުގެ ގޮތުން އެމެރިކާއިން ވަނީ ލާރަކް ޖަޒީރާގައި ހުރި އީރާނުގެ ރޮކެޓް ލޯންޗަރުތަކަށް ހަމަލާ ދީފަ އެވެ.  އީރާނުން ހޯމަ ދުވަހު ރައްދުގައި ހަމަލާ ދިނީ އުރުދުން އަދި އަބޫދާބީ (ޔޫއޭއީ) އަށް އަމާޒުކޮށެވެ. އީރާނުން ބުނި ގޮތުގައި އެ ހަަމަލާތައް އަމާޒުކުރީ އެމެރިކާގެ ސިފައިންނަށެވެ.

ނަމަވެސް، ދުވަހުގެ ފަހުގެ ވަގުތެއްގައި އީރާނުގެ ރައީސް ޕެޒެޝްކިއަން ވަނީ މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑުމެން ދަނީ އެއްބަސްވުމަކާއި ނަތީޖާއަކަށް ވާސިލްވުމުގެ މަގަށް ވާސިލްވުމަށް މަސައްކަތްކުރަމުން. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ފައިދާވާން އޮތް ކަމެއް ނޫން ކަމަށާއި، ސަރަހައްދުގެ މަސްލަހަތު ވެސް އޮތް ކަމެއް ނޫން ކަމަށް،" ކިރްގިޒިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓުގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިހާރު ހުރި މައްސަލަތަކުގެ ހައްލަކީ މަޝްވަރާ އާއި އެއްބާރުލުން ދިނުން ކަމަށް. އަދި ހަމަނުޖެހުމާއި ނުރައްކާތެރިކަން ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ވަސީލަތެއް ބޭނުންކުރަންޖެހޭ،" އީރާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ރައީސްއާ ހަވާލާދީ ބުނެފައިވެ އެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލާރަކްއަށް އެމެރިކާއިން ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އީރާނުގެ ވަރުގަދަ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި، އެމެރިކާގެ މަދަދުލިބޭ، އުރުދުންގައިވާ އެމެރިކާގެ ދެ އެއާބޭސްއަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީ، "ބޮޑެތި ގެއްލުންތަކެއް" ވަނީ ދީފަ އެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނީ އަށް މިސައިލެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެ މިސައިލްތައް އައީ ކޮން ތަނަކުން ކަމެއް ނުބުނެ އެވެ.

އީރާނުން ދައުވާކުރި ގޮތުގައި، ޔޫއޭއީގައިވާ އެއާބޭސެއްގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދީ، ހޮރްމޫޒް މަތިން އެމެރިކާގެ ޑްރޯނެއް ވެސް ވަނީ ވައްޓާލައިފަ އެވެ.

އަބޫދާބީން ރައްދުގައި ބުނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދު މަތިން ޑްރޯނެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އަލް މިންހާދު އެއާބޭސް އަށް ހަމަލާ ދިން ކަމަށް ބުނާ ވާހަކާގައި "ހަގީގަތެއް ނެތް" ކަމަށް ވަނީ ބުނެފަ އެވެ. 

އެމެރިކާ އާއި އީރާނާ ދެމެދު މި ހަމަލާތައް ބަދަލުކުރީ ހަނގުރާމައިގެ ނުތަނަވަސްކަން ކުޑަވަމުން އައި ދަނޑިވަޅެއްގަ އެވެ. ފާއިތުވި ހަފުތާތަކުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްކަންދީފައިވަނީ އަސްކަރީ ހަރަކާތްތަކަށް ވުރެ ބޮޑަށް "އިގްތިސާދީ ހަނގުރާމަ" އަށެވެ.

ޓްރަމްޕް ހޯމަ ދުވަހު އޭނާގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި ވިދާޅުވީ އީރާނަކީ "ރަސްމީކޮށް ނާކާމިޔާބުވެފައިވާ ގައުމެއް" ކަމަށެވެ.

"އެމީހުންގެ އަތުގައި ކަނޑުގެ އަސްކަރިއްޔާއެއް ނެތް، ވައިގެ އަސްކަރިއްޔާއެއް ނެތް، ފައިސާގެ އަގެއް ނެތް، ސިފައިންނާއި ފުލުހުންނަށް މުސާރައެއް ނުދެވޭ، އިންފްލޭޝަން ވަނީ 300 ޕަސެންޓް އުފުލިފައި، އަދި އެ މީހުންގެ ލީޑަރޝިޕް ވަނީ މުޅިން ބަނގުރޫޓުވެ ގައުމު ތަމްސީލުކުރުމުގެ ގާބިލްކަން ގެއްލިފައި،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ. -- އޭއެފްޕީ