މިހާރު ހިނގަމުންދާ ހަނގުރާމަ ފެށީ އީރާނުން ނޫން ކަމަށާއި، ބޭރުގެ އެއްވެސް ނުފޫޒަކަށް ނުވަތަ ބިރުދެއްކުމަކަށް އެ ގައުމުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ އީރާނަކީ ޓެރަރިޒަމް ފަތުރާ ގައުމެއް ނޫން ކަމަށާއި، އީރާނަކީ އެމެރިކާ އާއި އިޒްރޭލުގެ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށެވެ.
މިއީ އެމެރިކާއާ ދެމެދު ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ވެރިއަކު އދ. ގައި ދެއްވި ވަރަށް ނާދިރު އަދި ހޫނު ތަގުރީރެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ޕެޒެޝްކިއަންގެ މި ރައްދު އައީ، އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެ ގައުމު "ދުނިޔޭގެ ޗާޓުން ފޮހެލާނެ" ނުވަތަ ސުންނާފަތިކޮށްލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އދ. ގައި އިއްޔެ ދެއްވި އިންޒާރަށް ފަހު އެވެ.
ޓްރަމްޕަށް އަމާޒުކުރައްވައި ޕެޒެޝްކިއަން ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި ބިރުދެއްކުންތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ ދިފާއީ ރޫހު އިތުރަށް ވަރުގަދަވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދުވަހަކުވެސް ބޮލެއް ނުލަނބާނަން، ކުޑަކަކުލެއް ނުޖަހާނަން. ޓްރަމްޕާއި އަދި އަޅުގަނޑުމެންނަށް ބިރުދައްކަން އުޅޭ އެންމެންވެސް ދަންނަންޖެހޭނެ ހަގީގަތަކީ މިއީ،" އާންމު މަޖިލީހުގެ ޕޯޑިއަމްގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.
ތަގުރީރުގެ ކުރީކޮޅު ޕެޒެޝްކިއަން ވަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އީރާނުގެ ކުޑަކުދިންނާއި އާންމުންގެ ފޮޓޯތަކެއް މަޖިލީހަށް ދައްކާލައްވައިފަ އެވެ. އަދި އީރާނުގެ ކުރީގެ ރޫހީ ލީޑަރު އަވަހާރަކޮށްލުމާއި، ހަނގުރާމައިގެ ކުރީކޮޅު މީނާބް ސަރަހައްދުގެ ޕްރައިމަރީ ސްކޫލަކަށް އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ޕެޒެޝްކިއަން ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު، އެމެރިކާގެ ވަފުދުގެ އޮފިޝަލަކު ވަނީ މާލަމުން ނުކުންނަވައިފަ އެވެ.
އީރާނުގެ ރައީސް ވިދާޅުވީ، ބާރުގެ ބިރުދެއްކުމުގެ ރާގުގައި ވާހަކަ ދެއްކުން ހުއްޓާލައިފި ނަމަ، ހަމަހަމަ އުސޫލެއްގެ މަތިން ޑިޕްލޮމެސީ އާއި މަޝްވަރާއަށް ދާން އީރާނުން އަދިވެސް އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެމެރިކާއިން ކުރިން ވެފައިވާ އެއްބަސްވުންތަކާ ހިލާފުވެފައިވާތީ، މަޝްވަރާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތް މަހަށްވުރެ ދިގުލައިގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަތިޔާރާއި ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އީރާނުން ވަނީ އެ ގައުމުގެ ދިފާއުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، މީގެ ކުރިން ހަމަލާނުދޭ ފަދަ އަމާޒުތަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.