އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ އިސް ވަފުދަށް އެމެރިކާއިން ވިސާ ދޭން އިންކާރުކުރި ނަމަވެސް އީރާނުގެ މައިގަނޑު ޑިޕްލޮމެޓިކް ވަފުދަށް އެމެރިކާއިން ވިސާ ދިނުމުން އެމެރިކާއަށް ހިނގައްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އަދި ފަލަސްތީން އޮތޯރިޓީގެ އިސްބޭފުޅުންނަށް ވިސާ ދޭން ޖެހިޖެހިގެން ދެވަނަ އަހަރު އިންކާރުކޮށްފަ އެވެ. އެމެރިކާއިން ބުނިގޮތުގައި މި ފިޔަވަޅު އެޅީ ފަލަސްތީނުން ބައިނަލްއަގުވާމީ ކޯޓުތައް ކަމަށްވާ އައިސީސީ އަދި އައިސީޖޭ އަަށް މައްސަލަތައް ހުށަހަޅައިގެން “ސަރަހައްދީ ހަމަނުޖެހުން ބައިނަލްއަގުވާމީ ކުރަން” އުޅޭތީ އެވެ.

އެމެރިކާއިން ވިސާ ނުދިނުމުން ރައީސް މަހްމޫދު އައްބާސް އާންމު މަޖިލީހާ ތަގުރީރުކުރައްވާނީ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

ނަމަވެސް އދ. ގެ މައިމަރުކަޒު ހުންނަ ޤައުމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ބައިނަލްއަގުވާމީ ޒިންމާތަކުގެ ދަށުން، އެމެރިކާއިން ވަނީ އީރާނުގެ މައި ވަފުދަށް ވިސާ ދޫކޮށްފަ އެވެ. އެއާ އެކު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ މިހާރު ވަނީ ނިއު ޔޯކަށް ވަޑައިގެންފަ އެވެ. އަދި ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

އީރާނުގެ ވެރިންނަށް ވިސާ ދިން ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެބޭފުޅުންނަށް ބައެއް ހުރަސްތައް ކުރިމަތިކޮށްފަ އެވެ.

އީރާނުގެ ވަފުދަށް ނިއު ޔޯކުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި ހާއްސަ ސަރަހައްދެއްގަ އެވެ. އަދި އެމެރިކާގެ ބާޒާރުތަކުން ލަގްޒަރީ މުދަލާއި އެހެނިހެން ބައެއް ބާވަތްތަކުގެ ތަކެތި ބައްލަވައިގަތުން އީރާނުގެ ވަފުދަށް ވަނީ މަނާކޮށްފަ އެވެ. 

މިއަހަރު އީރާނުން އައި ވަފުދުގެ މެންބަރުންގެ އަދަދު ކުރީ އަހަރުތަކަށްވުރެ މަދެވެ. އަދި މީޑިއާ ޓީމުގެ ބައެއް ބޭފުޅުންނަށް ވިސާ ނުދޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނުގެ ލީޑަރޝިޕަށް ވިސާ ނުދޭން އެމެރިކާއިން ނިންމި ނިންމުމާ ގުޅިގެން ހަމާސް ޖަމާއަތުން ވަނީ އެއީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު، އަދި އިޒްރޭލަށް އެމެރިކާއިން ބައިއަތުހިފުން ހާމަކޮށްދޭ ނިންމުމެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ޔޫރަޕްގެ އިއްތިހާދު (އީޔޫ) ވެސް ވަނީ އެމެރިކާގެ މި ނިންމުން މުރާޖައަަ ކުރުމަށް ގޮވާލައިފަ އެވެ.