އީރާނުގެ މީނާބްގައި ހުންނަ ސްކޫލަކަށް އެމެރިކާ އާއި އިޒުރޭލުން ހަމަލާދީ ގިނަ އަދަދެއްގެ ކުދިން މަރާލި ހާދިސާ އެއް މަސް ދުވަސް ފަހުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ދީފައިވާ ހަމަލާގައި 168 ކުދިން މަރުވި ހާދިސާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރީ އެ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން ސްވިޒަލެންޑުގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގަ އެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާފައިވާ މަންދޫބު ޑރ. ސަލްމާ ރަޝީދު ދެއްވި ތަގްރީރުގައި އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މަސްރަހު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.
ގަލްފުގެ ގައުމުތަކާއި ޖޯޑަން އާއި ފަލަސްތީން އަދި ލުބުނާން މިހާރު އޮތް ނުރައްކާތެރި ހާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ އިޒްރޭލް ކަމަށް ސަލްމާގެ ތަގުރީރުގައި ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފަށް ހިންގާ އެފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ރާއްޖެއިން ބާރު އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެއީ މި ހަފުތާގެ ތެރޭގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ތާވަލްކުރި ކުއްލި ދެވަނަ ބައްދަލުވުން ކަމަށެވެ.
ފުރަތަމަ ބަހުސް ބާއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔޫއޭއީ އާއި ކުވައިތާއި އޮމާނާއި ބަހްރެއިން އަދި ޖޯޑަންއާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދެ ބަހުސްގައި ވެސް ރާއްޖެއިން ބައިވެރިވެ ތަގުރީރުކޮށްފައިވާ ކަމަށެވެ. އަދި އެ ތަގުރީރުތަކުގައި އދ. ގެ ނިންމުންތަކަށާއި ބައިނަލްއަގުވާމީ އެކި މުއާހަދާތަކަށް ރާއްޖެއިން ކުރާ އިހުތިރާމާއި ރާއްޖޭގެ ސިޔާސަތުތައް ބަޔާންކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އީރާނުގެ މީނާބްގައި ހުންނަ ސްކޫލަކަށް ދިން އެ ހަމަލާއަކީ މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހު، އެމެރިކާ އާއި އިޒުރޭލުން ދިން ނުރައްކާތެރި ހަމަލާއެކެވެ. އެއީ އެ ހަނގުރާމައިގައި އާންމު ރައްޔިތުންނަށް އަމާޒުކޮށްދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
އީރާނުގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށް ބަޔާން ނެރުނުއިރު، ހަނގުރާމަ ފެށުމާއެކު ރާއްޖެއިން ފުރަތަމަ ނެރުނު ބަޔާނުގައި ވެސް އީރާނަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކުރި އެވެ.