މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހަޅާފައިވާ ހަތް ދުވަހުގެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި މެދުވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އަރާގްޗީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ސިފައިން ގައުމު ދިފާއު ކުރުމަށް ފުރިހަމައަށް ތައްޔާރުވެގެން ތިބި ނަމަވެސް، ޑިޕްލޮމަސީއަށް ފުރުސަތު ދިނުމަށް އީރާނުން އަދިވެސް ބޭނުންވާ ކަމަށެވެ. އަދި ހަތް ދުވަހުގެ ޕްލޭން އެއަށްވުރެ ވެސް އަވަހަށް ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މެދުވެރިންނާ އެކު މެދުކެނޑުމެއްނެތް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބުރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެ ގައުމުތަކުން ދެމުންދާ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރުތައް އާވެފައިވާ ދަނޑިވަޅެއްގައި އީރާނުން މިހެން ބުނެފައި މިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ގަތަރު މެދުވެރިކޮށް އެމެރިކާއަށް ހުށަހެޅި ޕްލޭނަކާ ގުޅިގެންނެވެ. އެ ޕްލޭނުގެ ދަށުން މެދުއިރުމަތީގައި ހަނގުރާމަ ހުއްޓާލުން ހިމެނޭހެން ބައެއް ޝަރުތުތައް ފުރިހަމަވެއްޖެ ނަމަ، ހަތް ދުވަސް ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އީރާނުން ކުރިން ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށާއި، ތެލުގެ ދާއިރާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެމެރިކާގެ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ވެސް އީރާނުން ދަނީ ޑިމާންޑް ކުރަމުންނެވެ.

އެމެރިކާގެ ހަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ "އެކްސިއޯސް" އިން ބުނި ގޮތުގައި، ގަތަރު އިސްވެ އޮވެ މެދުވެރިން އަންނަނީ އަންނަ ނޮވެމްބަރު މަހުގެ 3 ގައި އޮންނަ އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު ހަނގުރާމަ އަލުން ފެށުނަނުދީ، އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އަލުން ފެށުމަށް ޑިޕްލޮމެޓިކް އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުން، ބޮން އަޅާފައިވާ އީރާންގެ ނިއުކްލިއާ ސައިޓްތަކަށް ޔޫއެންގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ދިނުމަށް ގަތަރުން އީރާނަށް ބާރު އަޅަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މަޝްވަރާތަކަށް ގަތަރުގެ ވަފުދެއް މިދިޔަ އާދިއްތަ ދުވަހު ތެހެރާނަށް ޒިޔާރަތްކޮށްފައިވާއިރު، ޖޫން މަހު އެކުލަވާލި ދާއިމީ ހައްލުގެ އެއްބަސްވުން ނާކާމިޔާބުވި ފަހުން މި މައްސަލައަށް ހައްލެއް ހޯދުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ.