އީރާނުގެ ސަރުކާރު ވައްޓާލުމަށް ރޭވި ރޭވުމެއް ނާކާމިޔާބުވުމުން ނުވަތަ އެކަމަށް ކުރި ޕްލޭނަށް އަމަލީ ސިފައެއް ނުގެނެވުމާ ގުޅިގެން، އިޒްރޭލުގެ ޖާސޫސީ އިދާރާ (މޮސާޑު)ގެ ވެރިޔާ ރޯމަން ގޮފްމަން، އެ އިދާރާގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި ކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފި އެވެ.

މަގާމުން ވަކިކުރި ދެ އޮފިޝަލުންގެ ތެރޭގައި ހިމެނެނީ މަގާމަށް އައްޔަންކުރިތާ އަހަރު ވެސް ނުވާ، މޮސާޑުގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓުގެ ވެރިޔާ އާއި އެ އިދާރާގެ އީރާން ޑިވިޝަންގެ ވެރިޔާ އެވެ. ނަމަވެސް އެ ދެ އޮފިޝަލުންގެ ނަން ޗެނަލް 12 އިން ހާމަކޮށްފައެއް ނުވެ އެވެ.

އެ ޗެނަލުން ބުނި ގޮތުގައި މިއީ އެމެރިކާއާ ގުޅިގެން އެކުލަވާލި ރޭވުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ އިޒްރޭލާއި އެމެރިކާއިން ވައިގެ މަގުން ދިން އަސްކަރީ ހަމަލާތައް ހިމާޔަތަކަށް ބޭނުންކޮށްގެން، އީރާނުގެ އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެތެރެއިން ހަރަކާތްތަކެއް ހިންގުމެވެ.‎ 

ސެކިއުރިޓީ މަސްދަރުތަކާ ހަވާލާދީ ޗެނަލް 12 އިން ބުނި ގޮތުގައި، ގޮފްމަން އާއި އެ ދެ އޮފިޝަލުންގެ ގުޅުން ފެށުނީއްސުރެ ވެސް އޮތީ ގޯސްކޮށް ކަމަށެވެ. އަދި މި މަގާމުތަކުން އެ މީހުން ވަކިކުރީ މޮސާޑުގެ އިސް ލީޑަޝިޕާއި، ހާއްސަކޮށް އީރާނާ ގުޅޭ އިސްކަންދޭ ކަންކަމަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ރިޕޯޓްތަކާ ހަވާލާދީ އެ ބްރޯޑްކާސްޓަރުން ބުނި ގޮތުގައި، މި ރޭވުމުގެ ތެރޭގައި އީރާނުގެ ލީޑަރޝިޕް ބަދަލުކުރާނެ ގޮތްތަކާއި، ސަރުކާރު ވައްޓާލުމަށް ފަހު ދެން ކަންކަން ކުރިއަށްގެންދާނެ ގޮތާ މެދު އެމެރިކާގެ އޮފިޝަލުންނާ އެކު މަޝްވަރާކުރުން ހިމެނޭ ކަމަށެވެ.‎ ނަމަވެސް، މި މަސައްކަތް ކުރީގެ މަރުހަލާއެއްގައި ހުއްޓުމަކަށް އައުމާ ގުޅިގެން، ހުށަހެޅުން ވަނީ މަޑުޖައްސާލައިފަ އެވެ. އަދި މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މި ރިޕޯޓުތަކާ ގުޅިގެން އިޒްރޭލު ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.‎ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މާޗް 13 ގައި އިއުތިރާފުވި ގޮތުގައި، އީރާނުގެ ސަރުކާރު ވައްޓާލުމަކީ އުނދަގޫ ކަމެކެވެ. އަދި "އެކަން އެގޮތަށް ވެދާނެކަމާ މެދު ޔަގީންކަމެއް ނެތް" ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކުގައި 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ހަަމަލާތަކުގެ ފުރަތަމަ ދުވަހު، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބޭފުޅުންނެއް އަވަހާރަކޮށްލި އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އޭރު ވަނީ މިއީ އީރާން ރައްޔިތުން ނުކުމު "ހައްގު ހޯދަން" އުޅެންވީ ވަގުތު ކަމަށް ބުނެ ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ. 

އީރާނުން ވަނީ ހަމަލާތަކުގެ ރައްދުގައި ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އިޒްރޭލުގެ އަމާޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީ، ދެފަރާތުން ވެސް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.‎ ޖޫން 18 ގައި އެމެރިކާ އާއި އީރާނާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށް، ހަމަލާތައް ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާތައް ފެށި އެވެ. ނަމަވެސް، ސެކިއުރިޓީ ކަންކަމާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ މިނިވަންކަމުގެ ޔަގީންކަން ދިނުމާ މެދު ހިޔާލުތަފާތުވުންތައް އުފެދި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މިދިޔަ މަހު އެމެރިކާއިން އީރާނަށް އަލުން ހަމަލާތަކެއް ދިނުމާ ގުޅިގެން މަސްރަހު އަނެއްކާވެސް ވަނީ ނުރައްކާ ވެފަ އެވެ. އީރާނުން ވަނީ ރައްދުގައި އުރުދުން، ބަހްރޭން އަދި ކުވައިތު ހިމެނޭ ގޮތަށް މުޅި ސަރަހައްދަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފަ އެވެ.