އީރާނުގެ ފޯޑޯ ނިއުކްލިއާ ސައިޓު އިތުރަށް ދެނެގަތުމަށްޓަކައި އިޒްރޭލުގެ ޖާސޫސުން އެތަނަށް "އެތައް ފަހަރަކު ވަން" ކަމަށް ޖާސޫސީ އިދާރާ، މޮސާޑުގެ ކުރީގެ ވެރިޔާ އަންގާރަ ދުވަހު ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު، އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަކޮށްފަ އެވެ. އެ ހަނގުރާމައިގެ އަމާޒެއް ކަމަށް ބުނެފައިވަނީ "އިޒްރޭލު ނައްތާލަން އުޅޭތީ" އީރާންގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ހަލާކުކޮށްލުމެވެ. މި ހަނގުރާމަ 12 ދުވަހަށް ދެމިގެންދިޔަ އިރު އެމެރިކާގެ އަސްކަރިއްޔާއިން އިޒްރޭލާ ގުޅގެން ވަނީ އެންމެ މަތީ ފެންވަރުގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއާ ތިން މަރުކަޒަކަށް ބޮން އަޅައިފަ އެވެ.

"އެ ސައިޓު ދެނެގަތުމަށްޓަކައި އަހަރެމެން ވަނީ ފޯޑޯ ނިއުކްލިއާ ސައިޓަށް ގިނަ ފަހަރުތަކެއްގެ މަތިން ޒިޔާރަތްކޮށް ބަލާފައި،" 2015 އިން 2021 އަށް މޮސާޑުގެ ވެރިޔަކަށް ހުރި ޔޮސީ ކޯހެން، އަންގާރަ ދުވަހު ބޭއްވި މަދަނީ އިދާރާތަކުގެ ކޮންފަރެންސެއްގައި ބުނި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެ ޒިޔާރަތްތައް ކުރީ ކޮން އިރަކު ކަމެއް ނުވަތަ އެކަން ކުރީ ކޮން ބައެއް ކަމެއް އޭނާ ތަފްސީލެއް ނުކޮށްދެ އެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯހެން ވަނީ "އެމެރިކާއިން އެ ތަނަށް ބޮން އެޅުމަކީ އަހަރެމެންގެ ހުވަފެންތައް ހަގީގަތަކަށްވުން" ކަމަށް ބުނެފަ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެ ގައުމާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާ ކަމެކެވެ. އީރާނުން އަބަދުވެސް އަންނަނީ ނިއުކްލިއާ ބޮމެއް އުފެއްދުމަށް މަސައްކަތްކުރާ ކަމަށް އުފައްދާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް މީހެއް ކަމަށްވާ ކޯހެން ވަނީ، އޭނާ މަގާމުގައި ހުރި ދުވަސްވަރު އެމެރިކާ މެދުވެރިވެގެން  ޔޫއޭއީ، ބަހްރޭން އަދި މޮރޮކޯއާ އެކު އިޒްރޭލުގެ ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުންތައް ހެދުމުގައ މުހިންމު ދައުރެއް ވެސް އަދާކޮށްފަ އެވެ.