އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެ ގައުމާ އެކު އެމެރިކާއިން މަޝްވަރާ ފަށާފައި ވިޔަސް މި ހަފްތާ ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލާދޭ ގޮތަށް ވަނީ ތައްޔާރުވެފައި ކަމަށާއި އެކަމަކު ހަމަލާ ދިނުމުގެ އަމުރު ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އަދި ނުލިބޭ ކަމަށް، މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.
އެއްގަމާއި ކަނޑާއި ވައިގެ އަސްކަރީ ގާބިލްކަން އެމެރިކާގެ މެދުއިރުމަތީގެ ބޭސްތަކުގައި ވަރުގަދަކޮށް، ހަނގުރާމައަކަށް ތައްޔާރުވަމުންދާ ކަމުގެ މަންޒަރުތައް ފެންނަތާ ވަނީ މަހެއްހާ ދުވަސް ވެފަ އެވެ. އަދި އީރާނާ އެކު މަޝްވަރާތައް ކުރިއަށް ދިޔައިރު ވެސް ޓްރަމްޕު ގެންދަވަނީ ހަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ.
އެކަމަކު ސީއެންއެން އިން ބުނީ ޓްރަމްޕު އޭނާގެ ޕްރައިވެޓް މީޓިންތަކުގައި، ހަމަލާ ދިނުމަށް ވެސް އަދި އެކަމާ ދެކޮޅަށް ވެސް ވާހަކަ ދައްކަވާފައިވާ ކަމަށާއި އެހެންވެ ނިންމަވާނީ ކޮން ގޮތަކަށް ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށެވެ. ހަމަލާއަށް އެމެރިކާގެ އަސްކަރިއްޔާ ތައްޔާރުވެ ވައިޓް ހައުސް އަށް އެކަން އަންގާފައިވާ ކަމަށާއި އެކަަމަކު ޓްރަމްޕު އެކަމާ ވަރަށް ބޮޑަށް ވިސްނަވަމުން ގެންދަވާ ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.
އަނެއްކޮޅުން އިޒްރޭލުގެ މީޑިއާއިން މިރޭ ރިޕޯޓްކުރި ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހޯމް ފްރަންޓް ކޮމާންޑް، އީރާނާ ހަނގުރާމަ ކުރުމަށް ތައްޔާރުވެ އޮތުމަށް އަމުރުކޮށްފަ އެވެ.
"ނަތަންޔާހޫ ވަނީ ހަނގުރާމައަށް ތައްޔާރުވުމަށް ރެސްކިއު އޭޖެންސީތަކާއި ހޯމް ފްރަންޓް ކޮމާންޑަށް އަންގާފައިވާ،" ޔެދިއޮތު އަހްރޮނޮތު ނޫހުން ބުންޏެވެ.
އެ ނޫހުން ބުނީ އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ވަނީ "ސްޓޭޓް އޮފް މެކްސިމަމް އެލާޓް" އިއުލާން ކޮށްފައި ކަމަށެވެ.
އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު "ކަން" އިން ބުނީ އީރާނުގެ މައްސަލައިގައި މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހު ބާއްވަން އޮތް ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނިއުކްލިއާ މަޝްވަރާތަކުގައި އެމެރިކާގެ ޑިމާންޑަށް އީރާނުން ދެކޮޅުހަދާތީ ޓްރަމްޕު ވަރަށް އަވަހަށް އީރާނަށް ހަމަލާ ދީފާނެ ކަމަށް އިޒްރޭލުގެ އެސެސްމަންޓުތަކުން ދައްކަ އެވެ.
އީރާނުން މަޝްވަރާގެ ނަމުގައި ކުރާ ކަމަކީ ނިއުކްލިއާ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވަގުތު ހޯދުން ކަމަށް ޓްރަމްޕުގެ ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް އިޒްރޭލުގެ މީޑިއާއިން ބުންޏެވެ. އަދި އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދޭ ހާލަތުގައި، އިޒްރޭލުން ހަމަލާތަކުގައި ބައިވެރި ނުވި ކަމުގައި ވިޔަސް އީރާނުން އިޒްރޭލަށް ހަމަލާދޭނެ ކަމަށާއި އެހެންވެ ފުރިހަމަ ހަނގުރާމައަކަށް އިޒްރޭލު ތައްޔާރުވެ އޮންނަން ޖެހޭނެ ކަމަށް ކެބިނެޓްގެ ބައްދަލުވުންތަކުގައި ބުނެފައިވާ ކަމަށް ވެސް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު 12 ދުވަހުގެ ހަނގުރާމައެއް ކޮށްފައި ވާއިރު އެމެރިކާއިން އެ ހަމަލާތަކުގައި ބައިވެރިވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ވަނީ އެންމެ ވަރުގަދަ ބޮންތައް ބޭނުންކޮށްގެން ހަމަލާ ދީފަ އެވެ. ރައްދުގައި އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތައް ދީފައިވެ އެވެ. ހަމަލާތަކުގައި އީރާނުން އެތައް ސަތޭކަ ބަޔަކު މަރުވި އިރު އިޒްރޭލުން ވެސް މީހުން މަރުވެ ތަންތަނަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.