އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެ ގައުމާއި އެމެރިކާއާ ދެމެދު ކޮންމެ ގޮތަކަށް އެއްބަސްވި ނަމަވެސް އީރާނުން ފައްކާކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އެ ގައުމުން ބޭރުކުރުމަށާއި އިތުރަށް ޔުރޭނިއަމް ފައްކާ ނުކުރެވޭނެ ގޮތް ހެދުން ހިމަނަން ޖެހޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ. 

ނަތަންޔާހޫ މިހެން ބުނެފައި މި ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ މިއަދު ސްވިޓްޒަލެންޑަށް ވަޑައިގެފައި ވަނިކޮށެވެ. 

ގުދުސްގައި ދިން ބަޔާނެއްގައި ނަތަންޔާހޫ ބުނީ ކޮންމެ އެއްބަސްވުމެއް އީރާނާއި އެމެރިކާއާ ދެމެދު ހެދި ކަމުގައި ވިޔަސް އެ އެއްބަސްވުމެއްގައި ކޮންމެހެން ހިމަނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. 

"ފުރަތަމަ ކަމަކަކީ، ފައްކާކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އީރާނުން ބޭރުކުރުން،" ނަޔަންޔާހޫ ބުންޏެވެ. 

"ދެ ވަނަ ކަމަކީ ޔުރޭނިއަމް ފައްކާކުރުމުގެ ގާބިލްކަން ނައްތާލަން ޖެހޭނެ ... ޔުރޭނިއަމް ފައްކާކުރުމަށް ބޭނުންކުރާ ސާމާނާއި ވަސީލަތްތައް ނައްތާލަން ޖެހޭނެ."

ނަތަންޔާހޫ ބުނި ގޮތުގައި ތިން ވަނަ ކަމަކަށް ވާން ޖެހޭނީ އީރާންގައި އުފައްދާ ބެލަސްޓިކް މިސައިލްގެ މައްސަލަ ހައްލުކުރުމެވެ.

އެމެރިކަން ޖުވިޝް އޯގަނައިޒޭޝަންގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ މި ކަންކަމާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އޭނާ ބުނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ހާލަތު އިންސްޕެކްޓުކުރަން ވެސް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. 

އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އިޒްރޭލާއި އެމެރިކާ އިން މިދިޔަ އަހަރުގެ ޖޫން މަހު ދިން ހަމަލާތަކުގެ ކުރިން ނިއުކްލިއާ އިންސްޕެކްޓަރުންނަށް އެންމެ ފަހުން ފެނުނު 60 ޕަސެންޓަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ 400 ކިލޯގްރާމްގެ ސްޓޮކަށް ވީ ގޮތަކާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. 

މީގެ ކުރިން އީރާނާ އެކު ހެދި އަދި 2015 ވަނަ އަހަރު އުވާލާފައިވާ ނިއުކްލިއާ އެއްބަސްވުމުގައި އޮތް ގޮތުން ނަމަ ޔޫރޭނިއަމް ފައްކާކުރުން އީރާނަށް ހުއްދަ އޮންނަނީ 3.67 ޕަސެންޓަށެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނާ ގޮތުގައި ނިއުކްލިއާ ބޮމެއް ހެދުމަށް ބޭނުންވަނީ 90 ޕަސެންޓަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެވެ. އެހެންވެ އީރާނުން ވަނީ ބޮމެއް ހެދުމަށް ބޭނުންކުރެވޭ މިންވަރާ ގާތަށް ޔުރޭނިއަމް ފައްކާކޮށްފަ އެވެ. 

މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އީރާނުން ދާއިރު އެ ގައުމުން ވަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ ނަމަ ނިއުކްލިއާ މަޝްވާރަތަކުގައި ދޫ ދޭން ތައްޔާރު ކަމަށް ބުނެފަ އެވެ.