ދުނިޔެ / އީރާންގެ ނިއުކުލިއާ ޕްރޮގްރާމް

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތަކަށް އެމެރިކާގެ ހަމަލާގައި ގެއްލުމެއް ނުވޭ: ރިޕޯޓް

އީރާންގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީ ހުންނަ ސަރަހައްދު: ފަރުބަދަތަކުގެ އަޑީގައި ހަދާފައިވާ މި މަރުކަޒުތަކަށް އެމެރިކާގެ ބޮމުގެ ހަމަލާތަކުން ބޮޑު ގެއްލުމެއްވީ ކަމަކަށް އަދި ނުބެލެވޭ.

25 ޖޫން 2025 - 01:04

1 comments

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާ ބައިވެރިވެ މިދިޔަ ހަފްތާ ބަންދުގައި ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާގެ ބާރުގަދަ ބޮންތަކުން ހަމަލާދިން ނަމަވެސް ނިއުކްލިއާ މަޝްރޫއުގެ މައިގަނޑު އަދި މުހިންމު ބައިތައް ހަލާކުނުވާ ކަމަށް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ލިބިފައިވާ ޖާސޫސީ މައުލޫމާތުން ދައްކައިފި އެވެ.

މިކަމުގެ ޖާސޫސީ މައުލޫމާތު ބްރީފިން ލިބިފައިވާ ހަތަރު އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ މިއީ ޕެންޓަގަންގެ ޖާސޫސީ އިދާރާ، ޑިފެންސް އިންޓެލިޖެންސް އެޖެންސީއަށް ލިބިފައިވާ މައުލޫމާތު ކަމަށެވެ. މި މައުލޫމާތު ބިނާކޮށްފައިވަނީ ހަމަލާތަކަށް ފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހެދި ބެޓުލް ޑެމޭޖް އެސެސްމެންޓުން ކަމަށް ސީއެންއެން އިން އޮފިޝަަލަކާ ހަވާލާދީ ބުންޏެވެ.

މި އެސެސްމަންޓުގައި މިހާރުވެސް ދަނީ އީރާންގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ އާއި އީރާނުން ނިއުކްލިއާ މަސައްކަތް ކުރިއަށް ގެންދިއުމުގެ ނިޔަތަށް އައި ބަދަލާ ގުޅޭ މައުލޫމާތު އެއްކުރަމުންނެވެ. އެހެންވެ އިތުރު މައުލޫމާތާ އެކު އަދި އެސެސްމަންޓުގެ ނަތީޖާއަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބުނެފައިވެ އެވެ.

ސީއެންއެން އިން ބުނީ އެމެރިކާ އިން ބަންކަ ބަސްޓާ ބޮން އަޅައިގެން އީރާންގެ މައި ނިއުކްލިއާ ތިން މަރުކަޒު އެއްކޮށް ހަލާކުވި ކަމަށް ރައީސް ޑޮނަލްްޑް ޓްރަމްޕު ވިދާޅުވި ނަމަވެސް މިހާތަނަށް ހުރި އިންޓެލިޖެންސް މައުލޫމާތާ އެ ވާހަކަ ދިމާނުވާ ކަމަށެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ވަނީ ހަމަ މިހެން ވިދާޅުވެފަ އެވެ.

މި އެސެސްމަންޓާ ބެހޭ މައުލޫމާތު ލިބިފައިވާ ދެ ބޭފުޅަކު ވިދާޅުވީ އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ހަމަ އެގޮތުގައި އަދިވެސް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު ފާހަގަކުރެއްވި ގޮތުގައި ސެންޓްރިފިއުޖްތަކުގެ ވެސް ބޮޑު ބައެއް ހުރީ އެއްވެސް ގެއްލުމެއް ނުވެ އެވެ.

"އެހެންވެ (ޑީއައިއޭ) އެސެސްމަންޓުން ދައްކަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ޖައްސާލެވުނީ މަސްދުވަސްތަކެއް ފަހަތަށް ކަމަށް،" ސީއެންއެން އިން އޮފިޝަލާ ހަވާލާދީ ބުނެފައިވެ އެވެ.

އެސެސްމަންޓް ލިބިފައިވާ ކަމަށް ވައިޓް ހައުސް އިން ވެސް ބުންޏެވެ. ނަމަވެސް ބުނީ އޭގައި ހުރި ކަންކަމަށް އެއްބަސް ނުވެވޭ ކަމަށެވެ.

"މި އިވެލުއޭޝަނަކީ މުޅިން ހަގީގަތާ ހިލާފު އިވެލުއޭޝަނެއް. އެއީ "ޓޮޕް ސީކްރެޓް" ގެ ގޮތުގައި ކަނޑައެޅި ނަމަވެސް، އިންޓެލިޖެންސް ކޮމިއުނިޓީގެ ނަން ހާމަ ނުކުރާ މީހަކު، ދަށު ދަރަޖައިގެ މީހަކު، ސީއެންއެން އަށް އެ ލީކުކޮށްލީ،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވި އެވެ.

"މި އެސެސްމަންޓް ލީކުކުރުމަކީ ރައީސް ޓްރަމްޕް ނިކަމެތިކޮށް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލުމުގެ މިޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔަ ހިތްވަރުގަދަ ފައިޓަ ޕައިލެޓުންގެ އަގު ވައްޓާލަން ކުރާ މަސައްކަތެއް. ކޮންމެ މީހަކަށް ވެސް އެނގޭނެ 30،000 ޕައުންޑްގެ 14 ބޮން ކަނޑައެޅިފައިވާ ޓާގެޓްތަކަށް ކަށަވަރުކަމާ އެކު ވައްޓާލުމުން ދެން ވާނެ ގޮތް: މުޅިން ހަލާކުވާނެ."

އެމެރިކާގެ އަސްކަރިއްޔާއިން ވެސް ކުރިން ވަނީ އީރާންގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދިނުމަށް ހިންގި އޮޕަރޭޝަން، ރޭވި ގޮތަށް ކާމިޔާބު ކަމަށް ބުނެފަ އެވެ.

ސީއެންއެންއިން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ އެންމެ ބޮޑު ނިއުކްލިއާ ރިސާޗް ފެސިލިޓީ ކަމަށްވާ ފޯޑޯ އާއި އިސްފަހާންގައި ހުންނަ އީރާނުގެ ވަރުގަދަ ނިއުކްލިއާ މަރުކަޒުތައް މުޅިން ނައްތާލުމުގެ ގާބިލްކަން، "މެސިވް އޯޑަނަންސް ޕެނެޓްރޭޓަސް" ގެ ނަމުން ނަންދީފައިވާ އެމެރިކާގެ ބަންކަ ބަސްޓާ ބޮމަށް ލިބިގެންވާ ކަމާ މެދު ކުރިން ވެސް އޮތީ ތަޖުރިބާކާރުންގެ މެދުގައި ހިޔާލު ތަފާތުވެފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް / ނަތަންޔާހޫގެ ވެނަމީހާގެ ސްކެލެން ޓްރޭންގަލް

25 June 2025

ހެހެހެހެ.އަހަރުމެންގެ ހުރިހާ އަރަބި ގައުމުތައް އެއްގަލަކަށް އަރައިފިނަމަ އެމެރިކާ އަދި އިޒްރޭލް ޖެހޭނީ މުޑިކާށި ހޮވަން ދާންކަން މާޒީގެ ސަފްހާތައް ބުނެދޭ. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454