އީރާނުން ނިއުކްލިއާ ހަތިޔާރު ދުވަހަކު ވެސް ނުއުފައްދަން އެއްބަސްވާނެ ކަމަށާއި އިޒްރޭލަށް ރައްކާތެރިކަން ކަށަވަރުވާނެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު މިހެން ވިދާޅުވީ އީރާނާ ދެކޮޅަށް މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން ދޭން ފެށި ހަމަލާތަކާ އެކު ފެށިފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ޓްރަމްޕު އިއުލާނުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.

އީރާނާ އެކު މަޝްވަރާކުރާ ކަމަށް ޓްރަމްޕު ވިދާޅުވި ނަމަވެސް އީރާންގެ މީޑިއާއިން ބުނެފައިވަނީ އެފަދަ މަޝްވަރާއެއް ކުރިއަށްނުދާ ކަމަށެވެ. ނަމަވެސް ޓްރަމްޕު ވިދާޅުވީ އީރާން ސަރުކާރުގެ އިތުބާރުކުރެވޭ ބައެއް ބޭފުޅުންނާ ވާހަކަ ދެކެވޭ ކަމަށާއި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަންކޮށްފައިވާ، ޚާމަނާއީގެ ދަރިކަލުން މުޖްތަބާގެ އެއްވެސް ހިލަމެއް ނުވާ ކަމަށެވެ. 

އީރާނާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އިޒްރޭލުން އެކަމަށް ތާއީދުކުރާނެ ކަމަށް ބެލެވޭ ކަމަށާއި، މިކަން ވެއްޖެ ނަމަ "އިޒްރޭލަށް ދިގު މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުވާނެ" ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. 

ޓްރަމްޕު ވިދާޅުވީ ހަމަލާތައް ހުއްޓާލަން އިސްވެ މަޝްވަރާއަށް ހުށަހެޅީ އީރާނުން ކަމަށެވެ. 

"އީރާނުން ނިއުކްލިއާ ހަތިޔާރެއް ނުހަދާނެ"

ކޮންމެ އެއްބަސްވުމެއްގެ ވެސް މައިގަނޑު ޝަރުތަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އެމީހުން ދެން ނިއުކްލިއާ ހަތިޔާރެއް ނުގެންގުޅޭނެ. އެކަމަށް އެމީހުން އެއްބަސްވަމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.

ޓްރަމްޕު ވިދާޅުވި ގޮތުގައި އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ކޮންޓްރޯލް އެމެރިކާއިން ނަގާނެ ކަމަށެވެ.

"އަހަރެމެން ގޮސް އަމިއްލައަށް އެ ތަކެތި ނަގާނަން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ދިން އަސްކަރީ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ގާބިލްކަން ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ ހަމަލާތައް ނުދިން ނަމަ މަދު ހަފުތާތަކެއްގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދީސް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

"އަހަރެމެން އެމީހުންނަށް ހަމަލާ ނުދިން ނަމަ... ދެ ހަފުތާ އާއި މަހެއްހާ ދުވަހުގެ ތެރޭގައި އެމީހުން ނިއުކްލިއާ ހަތިޔާރެއް އުފެއްދީސް،" ޓްރަމްޕު ވިދާޅުވި އެވެ.

ދަތިކުރުމުގެ ފިޔަވަޅާ އެކު ވެސް ތެޔޮ ވިއްކޭނެ

ސަޕްލައިަށް ނެރެ މިހާރު ކަނޑުމަތީގައި ހުރި އީރާނުގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ވިއްކުމަށް ތާއީދުކުރައްވާ ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ސަޕްލައިގެ ޔަގީންކަން ގެއްލި އަގު އުފުލިފައިވާ ތެލުގެ މާކެޓް ހަމަޔަކަށް އަޅުވަންޖެހެ އެވެ. 

"އަހަރެން ބޭނުންވަނީ ވީހާވެސް ގިނަ ތެޔޮ ސިސްޓަމްގެ ތެރޭގައި ހުންނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީ އެ ވިއްކަން ދޫކޮށްލުމުން އީރާނަށް ކިހާވަރެއްގެ އާމްދަނީއެއް ލިބޭނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕު ސީދާ ޖަވާބެއް ނުދެއްވި އެވެ.

"އީރާނަށް ލިބޭ ކުޑަ ފައިސާކޮޅަކުން މި ހަނގުރާމައަކަށް އެއްވެސް ބަދަލެއް ނާންނާނެ،" ޖަވާބުގައި އޭނާ ވިދާޅުވި އެވެ.

މުޖްތަބާ ޚާމަނާއީގެ ހިލަމެއް ނުވޭ

ޓްރަމްޕު ވިދާޅުވީ އީރާންގެ އާ ލީޑަރު އީމުޖްތަބާގެ ޚަބަރެއް ނުވާ ކަމަށާއި، އޭނާއަށް ވީގޮތެއް ސާފުނުވާ ކަމަށެވެ.

"ޚާމަނާއީގެ ދަރިފުޅެއް ނުފެނޭ. އޭނާއަށް ވީގޮތެއް އެކަކަށް ވެސް ނޭނގޭ،" ޓްރަމްޕް ވިދާޅުވި އެވެ. "އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެ."

މުޖްތަބާ ޚާމަނާއީ އަކީ ގައުމުގެ މައި ލީޑަރުގެ ގޮތުގައި ނުދެކޭ ކަމަށާއި، ނަމަވެސް އީރާނުގެ ލީޑަޝިޕްގެ ބައެއް ގްރޫޕްތަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށެވެ. 

ޓްރަމްޕު ވިދާޅުވީ އީރާނަށް ސިޔާސީ ބަދަލެއް އަތުވެދާނެ ކަމަށް

އީރާނުގެ އިސް ގިނަ ބަޔަކު އަވަހާރަކޮށްލާފައި ވާތީ، އެ ގައުމުގައި ސިޔާސީ ބަދަލެއް ފެށިދާނެ ކަމަށް ޓްރަމްޕް ލަފާކުރެއްވި އެވެ.

"އެއޮތީ އަމިއްލައަށް ރެޖީމް ޗޭންޖް [ވެރިކަން ބަދަލުވުން] ފެށިފައި،" އޭނާ ވިދާޅުވި އެވެ.

ޓްރަމްޕު ސިފަކުރެއްވި ގޮތުގައި އީރާންގައި ތިއްބެވި "ސަބަބުވެރި" އަދި "އިހުތިރާމް ލިބިގެންވާ" ބައެއް ފަރާތްތަކާ އެމެރިކާއިން ގުޅުން ބާއްވަމުން އަންނަ ކަމަށެވެ.

ޓްރަމްޕު މިއަދުވެސް ވިދާޅުވީ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވެދާނެ ކަމަށެވެ. 

މި ހުރިހާ ވާހަކައަކަށް ފަހު ވެސް ޓްރަމްޕު ވިދާޅުވީ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް އޭނާ ނުދެއްވާނެ ކަމަށާއި އެކަމަކު ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ. 

"އެއްބަސްވުމަކަށް އާދެވުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ. 

އެއާ އެކު ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ހަމަލާދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.