އިޒްރޭލުން އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ފަށައި ހަމަނުޖެހުން އިތުރަށް ދެން ބޮޑުކޮށްފި ނަމަ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިޒްރޭލު އެކަނިވެދާނެ ކަމުގެ އިންޒާރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިއްޔެ ދީފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ވިދާޅުވީ އިއްޔެ ރޭ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ މައުލޫމާތު އެމެރިކާއަށް ލިބުނީ އެންމެ ފަހު ވަގުތު ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގެ ދާއިރާ ކުޑަކުރުމުގައި އޭނާއަށް ކާމިޔާބު ލިބުނު ކަމަށެވެ.
ޗެނަލް 12 ގެ ބަރަކް ރަވީދަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިއްޔެ ރޭގެ ފޯން ކޯލެއްގައި، އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާތަކަށް ރައްދު ނުދިނުމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.
"އަހަރެން ބުނިން، 'ބީބީ، ތިކަމާ ފަރުވާތެރިވުން މާ ރަނގަޅުވާނޭ، އެހެން ނޫން ނަމަ ވަރަށް އަވަހަށް ތިޔަ ގައުމު އެކަނިވެދާނެ،" އެކްސިއޯސްގެ ރިޕޯޓެއްގައި ޓްރަމްޕް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.
ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފޯން ކޯލް ނިމިގެންދިޔައީ ސީދާ ވަކި ގޮތެއް ނުނިމިއެވެ. ނަމަވެސް، އެ ކޯލްގައި ބައިވެރިވި ޓްރަމްޕްގެ ބައެއް އެހީތެރިން ޗެނަލް 12 އަށް ކިޔައިދީފައިވާ ގޮތުގައި، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ އެއްބަސްވުމުގެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އިޒްރޭލުގެ ރައްދު ހަމަލާ މަދު ދުވަސްކޮޅަކަށް ފަސްކޮށްލުމަށް ޓްރަމްޕް ނަތަންޔާހޫއަށް ވިސްނައިދެއްވި ކަމަށް އެބޭފުޅުންނަށް ފާހާގަވި އެވެ.
ނަމަވެސް، ފޯން ކޯލަށްފަހު ނަތަންޔާހޫ ވަނީ ސަލާމަތީ ބާރުތަކުގެ އިސް މީހުންނާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެއަށްފަހު، އީރާނަށް ހަމަލާ ދޭން އޭނާ ނިންމިކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އަށް އެންގި ކަމަށް ޗެނަލް 12 އިން ބުނެ އެވެ.
އިޒްރޭލުން އީރާނަށް ދިން ފުރަތަމަ ހަމަލާތަކާ ބެހޭގޮތުން ޓްރަމްޕް އެ ޓީވީ ޗެނަލަށް ވިދާޅުވީ، އިޒްރޭލުން އެމެރިކާއަށް އެ މައުލޫމާތު ހިއްސާކުރީ ވަރަށް ފަހުން ކަމަށާއި، އެއީ މިސައިލްތައް އީރާނާ ދިމާލަށް ދަތުރުކުރަމުންދިޔަ ވަގުތު ކަމަށެވެ. އަދި ހަމައެއާ އެކު، އެ ހަމަލާގެ މިންވަރު (ސްކޯޕް) ކުޑަކުރުމަށް އޭނާއަށް ބާރުފޯރުވުނު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މީގެއިތުރުން، އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ސަރަހައްދީ ފަސް ގައުމަކުން، ހަމަލާތައް ހުއްޓުވުމުގެ އެއްބަސްވުމަކާ ދިމާލަށް ދެވޭނެ ގޮތް ހެދުމަށް ނަތަންޔާހޫއަށް ޕްރެޝަރު ކުރުމަށް އޭނާގެ ކިބައިން އެދުނު ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
"އެ ގައުމުތަކުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި. އަހަރެމެން މަޝްވަރާކުރަމުންދާ އެއްބަސްވުން އެމީހުންނަށް ކަމުދޭ،" އެކްސިއޯސް އަށް ޓްރަމްޕު ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އިއްޔެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ އޮފިޝަލުން އެމެރިކާއަށް ގުޅައި، އިޒްރޭލަށް ދެން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް ބުންޏެވެ. އަދި ބަދަލުގައި އިޒްރޭލުން ވެސް ހަމަލާދިނުން ހުއްޓާލުމަށް އެދުނެވެ. އެއަށްފަހު، ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް ގުޅުއްވައި، އިތުރު ހަމަލާތައް ދިނުން ހުއްޓާލުމަށް އެއްބަސްވުމަށް އޭނާ ނަތަންޔާހޫއަށް ވިސްނައިދެއްވި އެވެ.
ރައީސް ޓްރަމްޕް ޗެނަލް 12 ގައި ތަކުރާރުކޮށް ވިދާޅުވީ، އީރާނާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށާއި، އީރާނުން ވެސް އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންވާ ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއްގެ ފައިދާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެއިތުރުން، އިޒްރޭލާއި އީރާނާ ދެމެދު ކުރިމަތިލުންތައް ފެށުމުގެ ކުރިން، އީރާނާ އެކު އެއްބަސްވުމެއް ހެދުމާ ދެމެދު އޮތީ މަދު ދުވަސްކޮޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.